އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަން (އިސެސްކޯ) ގެ "ޝޫޝާ ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024" ގައި ރާއްޖޭގެ ފަރާތުން ބައިވެރިވާން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް އަޒަރްބައިޖާނަށް ވަޑައިގެންފިއެވެ.

އަޒަރްބައިޖާންގެ ޝޫޝާގައި އޮންނަ ސަގާފީ މި ހަރަކާތަކީ، މި އަހަރުގެ ސަގާފީ ކެޕިޓަލްގެ ގޮތުގައި އިސެސްކޯއިން އަޒަރްބައިޖާނުގެ ޝޫޝާ ކަނޑައެޅުމާ ގުޅިގެން، ޤައުމީ ފެންވަރުގައި އެކަން ފާހަގަކުރުމުގެ ގޮތުން އެޤައުމުން ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ބާއްވާ ރަސްމިއްޔާތާ އެކު ކުރިއަށް ގެންދާ ހަރަކާތެކެވެ.

ވަޒީރުގެ މި ދަތުރުފުޅުގައި މި ހަރަކާތްތައް ރަސްމީކޮށް ފެށުމަށް ބާއްވާ ޚާއްސަ ޙަފްލާގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން، އަޒަރްބައިޖާނުގެ މިނިސްޓަރ އޮފް ކަލްޗަރ އަދި އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަން ގެ ޑިރެކްޓަރ ޖެނެރަލް ޢާދިލް ކަރިމްލީ އާ ބައްދަލުކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް ހަރަކާތަކީ އިސްލާމީ ގައުމުތަކުގެ ސަގާފަތާއި ތަރިކައާ ބެހޭ ދާއިރާގެ އެންމެ މަތީ ފެންވަރުގެ ބޭފުޅުންނަށް ދަޢުވަތު އެރުވިގެން ކުރިއަށް ގެންދާ ސިސްސިލާ ހަރަކާތެކެވެ. މި ހަރަކާތް ރާވައި ހިންގަނީ އިސެސްކޯ އިންނެވެ. އިސެސްކޯ ގެ މެންބަރު ގައުމުތަކުގެ އަދަދަކީ 53 އެވެ.

“ޝޫޝާ – ކަލްޗަރ ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024” ފެށުމުގެ ރަސްމިއްޔާތު މާދަމާ ބޭއްވުމަށް ހަމަޖެހިފައި ވާއިރު، އިސެސްކޯގައި ހިމެނޭ ޤައުމުތަކުގެ އިސްލާމީ ސަގާފަތްތަކުގެ ގުޅުން ރަނގަޅު ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައެވެ.

އޭގެ ތެރޭގައި، ސަގާފީ ފޯރަމްތަކާއި ތަރިކައާ ބެހޭ މަޝްވަރާތައް ކުރެވޭ ވަށްމޭޒު ބައްދަލުވުންތައް ހިމެނެއެވެ. އަދި ޝޫޝާއާއި އަޒަރްބައިޖާނުގެ އެހެން ގިނަ ސަރަޙައްދުތައް އިސްތިޢުމާރީ ބާރުތަކުން ސަލާމަތް ކުރުވެނުގޮތާއި އެތަންތަނުގެ އެހާރާއި މިހާރު ދައްކުވައިދޭ މައުރަޒުތައް ކުރިއަށް ގެންދިއުމަށް ވެސް ވަނީ ރާވާފައެވެ.

އަޒަރްބައިޖާނުގެ މިނިސްޓަރ އޮފް ކަލްޗަރ އަދި އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯރގަނައިޒޭޝަން ގެ ޑިރެކްޓަރ ޖެނެރަލް ހިޒް އެކްސެލެންސީ ޢާދިލް ކަރިމްލީ ގެ ދަޢުވަތުފުޅަކަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ވަކާލާތު ކުރައްވާނެ ކަމަށާއި އަދި ސަގާފަތާއި ތަރިކައިގެ ރޮނގުން ދިވެހީން ތަމްރީނު ކުރުމަށް އިސެސްކޯގެ ތެރެއިން ލިބެން ހުރި ފުރުސަތުތައް ބަލައި، އެ ދާއިރާތަކުން ދިވެހީންނަށް މަތީ ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި ތަމްރީނުގެ ފުރުސަތުތައް ހޯދުމަށް އިސްކަން ދެއްވާނެ ދާއިރާތަކުގެ ތެރޭގައި އާސާރުވެރީންގެ ދާއިރާ، އާސާރީ ތަކެތި ރައްކާތެރި ކުރުމުގެ ދާއިރާ، ދާރުލްއާސާރު އުފެއްދުމާއި ބެލެހެއްޓުމުގެ ފަންނުގެ ދާއިރާ އަދި އިންސާނީ ހަޟާރާތް ދިރާސާ ކުރުމުގެ ދާއިރާ ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބައްތި

    ކޮންމެވެސް އެމްޔޫއޯއެއްގާ އެމީހުންނާއެކު ސޮއިކޮށްފާނޫނީ ނާންނާތި.

  2. ހަންޑިކުޑަ

    މި ސަރުކާރު ވެރިންގެ ކަމަކީ ދަތުރު ކުރުން. ރައްޔިތުންގެ ބަޖެޓު ހަފުސް!

  3. ޝާ

    އަޒަރު ބައިޖާންއަށް ދިވެހި ޅެން އެކުސްޕޯޓު ކުރަންވީ، އެމީހުންނަށް ނަފްސާނީ ފަރުވާދޭން. އަދި ދަރިމައި ކުރުވަން.