ރާއްޖޭގައި އުޅެމުން އަންނަ ހުރިހާ ބިދޭސީންގެ މައުލޫމާތު އެއް ކުރުމަށް ފެށި އޮޕަރޭޝަން "ކުރަނގި" ދަށުން ކ. ހިންމަފުށިން އެކަނި ވެސް 532 ބިދޭސީންގެ މައުލޫމާތު ނަގާފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން މިރޭ ވިދާޅުވެއްޖެއެވެ.

އިހުސާން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ އޮޕަރޭޝަން މިވަގުތު ހިނގަމުން ދަނީ ހިންމަފުށީގައި ކަމަށެވެ. މިހާތަނަށް އައިއިރު އެ ރަށުގައި މަސައްކަތް ކުރަމުންދާ 532 ބިދޭސީ މަސައްކަތްތެރިންގެ ބަޔޮމެޓްރިކް ޑާޓާ (އިނގިލީގެ ނިޝާން އަދި ފޮޓޯ) ނަގައި ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު ބަލަހައްޓާ ސިސްޓަމަށް އަޕްލޯޑް ކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ ދާދި އަވަހަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި އެއް ފަހަރާ މި މަސައްކަތް ފެށޭނެ ކަމަށެވެ. އަދި ހިންމަފުށި ކައުންސިލުން މިކަމަށް ދެއްވާ އެއްބާރުލުމަށް ޝުކުރު ދަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. މި އޮޕަރޭޝަންގައި ފުލުހުންނާއި އިމިގްރޭޝަން ވެސް ބައިވެރިވެއެވެ.

އިހުސާން މީގެކުރިން ވިދާޅުވެފައި ވަނީ ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އެގޮތުން، ފުރަތަމަ މަސައްކަތެއްގެ ގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓާއި ފޮޓޯ އަދި މައުލޫމާތު އެއް އަހަރު ދުވަހުގެ ތެރޭގައި އެއްކުރެވިގެންދާނެ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.

"ފުރަތަމަ އެއް އަހަރު މި ބަލަނީ ބިދޭސީން ކޮންތާކު، ކާކުތާ ހުރީ އަދި އޭނާގެ އައިޑެންޓިޓީ ގާއިމްކުރުން. ޖެހިގެން އަންނަ ދެ އަހަރު މަސައްކަތްކުރާނީ ކަށަވަރުނުވާ، ރަސްމީ ލިޔެކިޔުންތައް ނެތް، ސިސްޓަމް ތެރެއަށް ނުގެނެވޭނެ މީހުން ރާއްޖެއިން ބޭރު ކޮށްލަން. ޖުމްލަ ތިން އަހަރުގެ މަސައްކަތެއް މި ފަށަނީ. ފުރަތަމަ ފޭސް މިއީ އެއް އަހަރުގެ މަސައްކަތެއް." އިހުސާން ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ ކައުންސިލްތަކުން އެ ރަށެއްގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރު ބެލެހެއްޓުމަށް ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ހޯމް މިނިސްޓްރީގެ މެއިން ޑާޓާބޭސްއަށް ކައުންސިލްތަކުގެ އެކްސެސް ދޭނެ ކަމަށެވެ. އަދި އެ މައުލޫމާތު އަދާހަމަކުރުމުގައި ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ބޮޑު މައްސަލައެއްގެ ގޮތުގައި އޮތް ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރީގެ ސަރުކާރުތަކުން މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ގލ

    މޑޕ އިން ބޭރުމީހުންގެ ކަންކަމުގައި ހެދީ މަކަރު އެއީ
    ވަރަށް ދެރަކަމެއް.

    12
  2. ޒާ

    ތިގޮތަށް މައުލޫމާތު ނަގާ ކޮންމެ ވެރިކަމެއްގާ. ނަގާމައުލޫމާތު ބާލީސްދަށަށް ލައިގެން ނިދަނީ. ޚާއްސަ ކޯލަށް ބިދޭސީން ދޫކުރާ ގުރަނގި.