2024 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގައި ތިބި ކުޑަކުދިންގެ އަދަދަކީ 134،121 ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ނެރުނު ތަފާސްހިސާބުތަކުގައި ބުނާގޮތުގައި ރާއްޖޭގައި ކުޑަކުދިންގެ އާބާދީގެ ގޮތުގައި ބަލަނީ 0-17 އަހަރާއި ދެމެދެވެ. އަދި ރާއްޖޭގައި ދިވެހި ކުޑަކުދިންގެ ގޮތުގައި 130،504 ކުއްޖަކު އެބަތިއްބެވެ. އަދި ޖުމްލަ 134،121 ތިބިއިރު، ރާއްޖޭގައި ކުޑަކުދިންގެ ގޮތުގައި ގިނައީ ފިރިހެން ކުދިންނެވެ. އެއީ ކުޑަކުދިންގެ އާބާދީގެ އިންސައްތައިން ބަލާނަމަ %52އެވެ.

ރާއްޖޭގައި އެންމެ ގިނައިން ކުޑަކުދިން ދިރިއުޅެނީ އަތޮޅު ތެރޭގެ ރަށްތަކުގައި ކަމަށް ދައްކާއިރު، އެއީ 78،011 ކުދިންނެވެ. މާލޭގައި ދިިރިއުޅެނީ 52،493 ކުދިންނެވެ.

2022 ވަނަ އަހަރު ބޯހިމެނުމުގެ ނަތީޖާއިން ދައްކާގޮތުން މަސައްކަތް ކުރާ އުމުރުުފުރާއަށް ބަރޯސާވާ ކުޑަކުދިންގެ ނިސްބަތަކީ %39އެވެ. މީގެ މާނައަކީ ކޮންމެ 100 މަސައްކަތު އުމުރުފުރާގެ މީހާކައަށް 39 ކުޑަކުދިން ބަރޯސާވާކަމެވެ.

ކުޑަކުދިންނަށް ކުރަ އަނިޔާގެ 2017-2023ގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނައިން އަނިޔާގެ ރިޕޯޓްކޮށްފައި ވަނީ 2017ގައެވެ. އެއީ 1،412 މައްސަލައެވެ. އެންމެ މަދުން އަނިޔާ ރިޕޯޓްކޮށްފައި ވަނީ 2021ގައެވެ. އެއީ 1،079 މައްސަލައެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާގެ 2023 އަހަރަށް ބަލާއިރު، އެންމެ ގިނައީ ކުދިންނަށް އަލާނުލުމުގެ މައްސަލަތަކެވެ. އެގޮތުން އެ އަހަރު އެފަދަ 284 މައްސަލައެއް ރިޕޯޓްކޮށްފައި ވެއެވެ.

ރާއްޖޭގައި ކުޑަކުދިންގެ ތެރެއިން އެންމެ ގިނަ ކުޑަކުދިންގެ ދިރުއުޅުމުގެ ކަންތައްތައް ހަމަޖެހިފައި ވަނީ މަންމަ އާއި ބައްޕައާއި އެކުގައި ކަމަަށް ތަފާސްހިސާބުތައް ދައްކައެވެ.

އަދި 2022/2023 ވަނަ އަހަރު ސްކޫލްތަކުގައި ކިޔަވި ކުދިންގެ އަދަދު އެންމެ ގިނަ ކަމަށް ދައްކަނީ ގްރޭޑް 1ގައެވެ. އެއީ 4،351 އަންހެން ކުދިންނާއި، 4،400 އަންހެން ކުދިންނެވެ. އަދި ގްރޭޑް 11 އަދި 12ގައި ކިޔަވި ކުދިންގެ ތެރެއިން ގިނައީ އަންހެން ކުދިން ކަންވެސް އެ ތަފާސްހިސާބުތަކުން ދައްކައެވެ. އެއީ ގްރޭޑް 11ގައި ކިޔަވި 1،187 އަންހެން ކުއްޖަކާއި، ގްރޭޑް 12ގައި ކިޔަވާ 935 އަންހެން ދަރިވަރެއްގެ އިތުރުން، ގްރޭޑް 11ގައި ކިޔަވި 924 ފިރިހެން ކުއްޖަކާއި، ގްރޭޑް 12ގައި ކިޔަވި 729 ފިރިހެން ކުއްޖެކެވެ.