އިންޑިއާ ކަނޑަކީ އިންޑިއާއަށާއި ރާއްޖެ އަށް ވެސް އަމާން ތަނެއް ކަން ކަށަވަރު ކުރައްވާނެ ކަމުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު ޒަމީރު ރަސްމީ ދަތުރުފުޅެއްގައި މިދިޔަ ބުދަ ދުވަހު އިންޑިއާ އަށް ވަނީ ވަޑައިގެންފައެވެ. ޒަމީރުގެ މި ދަތުރުފުޅުގައި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. އެސް ޖައިޝަންކަރު އާ ބައްދަލު ކުރައްވައި ރަސްމީ މަޝްވަރާތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އިންޑިއާގެ "ވިއޯން" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޒަމީރު އެގޮތަށް ވިދާޅުވީ ޗައިނާގެ ސާވޭ އުޅަނދު "ޝިއަންގް ޔަންގް ހޮންގް 3" ރާއްޖެ ބަނދަރު ކުރި މައްސަލައިގައި އިންޑިއާގެ ނޫސްތަކުން އެކިއެކި ތުހުމަތުތައް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. އިންޑިއާގެ ނޫސްތަކުން ތުހުމަތު ކުރާ ގޮތުގައި ޗައިނާގެ މި އުޅަނދަކީ ޖާސޫސް ކުރާ އުޅަނދެކެވެ. މި އުޅަނދުން އިންޑިއާގެ އަސްކަރީ މަރުކަޒުތަކާއި ވަސީލަތްތައް ހުރި ތަންތަން ދެނެގަތުމަށް މަސައްކަތްކޮށްފާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ޗައިނާގެ އުޅަނދުން ރާއްޖޭގައި އެއްވެސް ސާވޭއެއް ނުކުރާނެ: ފޮރިން މިނިސްޓްރީ

ޒަމީރު ވިދާޅުވީ މިދިޔަ ޖެނުއަރީ މަހު ޗައިނާގެ އެ އުޅަނދު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް ޗައިނާ ސަރުކާރުން ހުއްދައަކަށް އެދުނީ އުޅަނދަށް ބޭނުންވާ ބައެއް އަސާސީ ތަކެތި ބޭނުންވެގެން ކަމަށެވެ. އަދި އެ އުޅަނދު ބަނދަރު ކުރުމުގެ ހުއްދަ ދިވެހި ސަރުކާރުން ދިނީ ސުލްހަވެރި ހަރަކާތް ހިންގުމަށް ކަމަށް ވިދާޅުވިއެވެ. ބޭރުގެ ބައެއް ގައުމުތަކުން މިފަދަ ހުށަހެޅުންތައް އައުމާ ގުޅިގެން އެ ހުއްދަތައް މީގެކުރިން ވެސް ދީފައިވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.

"މާޗް މަހުގެ ކުރީކޮޅު އެމެރިކާގެ މަނަވަރެއް ރާއްޖެ ބަނދަރު ކުރި. އަދި ތުރުކީގެ (އުޅަނދެއް) ވެސް ރާއްޖެ އައި." ޒަމީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކަށަވަރު ކުރާނަން އިންޑިއާ ކަނޑުގެ ސަރަހައްދަކީ އަމާން ތަނެއްގެ ގޮތުގައި. އަދި އިންޑިއާ ކަނޑަކީ އަމާން އިންޑިއާގެ ރައްޔިތުންނަށާއި ރާއްޖެ އަށް ވެސް އެކަމުން ހެޔޮ ގޮތް ވާ ތަނަކަށް ހަދާނަން،"

މީގެ ކުރިން ޗައިނާގެ ހައިޑްރޮގްރެފިކް ސާވޭކުރާ އުޅަނދަކަށް ލަންކާ އިން ހުއްދަ ދިނުމުން އެކަމާ އިންޑިއާ ވަރަށް ބޮޑަށް ނުރުހުނެވެ. އެ އުޅަނދަކީ ބެލިސްޓިކް މިސައިލް ވެސް ޓްރެކްކުރުމުގެ ގާބިލްކަން ލިިބިފައިވާ އުޅަނދެކެވެ. މި އުޅަނދުގައި ސްޕޭސް ޓްރެކިންގެ ޒަމާނީ ވަސީލަތްތައް ގާއިމު ކުރި އިރު، އިންޑިއާ އިން ވަނީ މި އުޅަނދަކީ ޖާސޫސް ކުރާ އުޅަނދެއް ކަމަށް ބުނެފައެވެ.

ޗައިނާގެ ރިސާޗް އުޅަނދުތައް ސްރީލަންކާގެ އެއްވެސް ބަނދަރަކަށް ނުވަތަ އިގްތިސާދީ ހާއްސަ ސަރަހައްދަށް ވަނުމުގެ ހުއްދަ އެއް އަހަރު ދުވަހަށް ނުދޭން ލަންކާ އިން ނިންމާފައި ވަނީ އިންޑިއާ އިން ކުރިމަތި ކުރުވި ފިއްތުންތަކާ އެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޅާމް

    އެހެން އެކަން ލުރެވޭނީ ރާއްޖޭގަ ތިބި ހާހެއްހާ ސިފައިންނަށް.

  2. ޝާޒް

    ރާއްޖެ ފަދަ ބިޔަ މިލިޓަރީ އޮންނަ ބާރުގަދަ ގައުމަކަށް އިންޑިޔާކަނޑު ބެލެހެއްޓޭނީ.

  3. އަނިޔާ

    "މޯލްޑިވިއަން އޯޝަން" ބޮޑުބައި ހިއްސާކުރަނީ ރާއްޖެއިން ވީމަ.