ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން އދ.ގެ އާންމު މަޖިލީހުން ފާސް ކުރުމަށް ބައިނަލްއަގްވާމީ ގައުމުުތަކުން އެޅި މުހިންމު ފިޔަވަޅަށް ރައީސް ޑރ. މުއިއްޒު ތައުރީފް ކުރައްވައިފިއެވެ.

193 މެމްބަރުންގެ މައްޗަށް އެކުލެވޭ އދ.ގެ އާންމު މަޖިިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި މިއަދު ނެގި ވޯޓަކީ އދ.ގެ ފުރިހަމަ މެމްބަރަކަށް ވުމަށް ފަލަސްތީނުން ކުރަމުންދާ މަސައްކަތަށް ތާއީދުކުރާ މިންވަރު ދެނެގަތުމުގެ ބައިނަލްއަގުވާމީ ސާވޭއެކެވެ.

މިއަދުގެ އެސެމްބްލީން ގަރާރު ފާސްކުރީ 143 ވޯޓުންނެވެ. އެއީ ފަލަސްތީނަށް އދ.ގެ ފުރިހަމަ މެމްބަރުކަން ނުދީ، އެ މީހުންނަކީ ބައިވެރިވުމުގެ ހައްގު ލިބޭ ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށެވެ. އެމެރިކާ އާއި އިސްރާއީލު ހިމެނޭ ގޮތަށް ނުވަ ގައުމަކުން އެ ގަރާރާއި ދެކޮޅަށް ނުކުތްއިރު، 25 ގައުމަކުން ވޯޓު ދީފައެއް ނުވެއެވެ. މި ވޯޓަކީ އަދި ފަލަސްތީނަށް ލިބޭ ފުރިހަމަ މެމްބަރުކަން ލިބިދޭ ވޯޓެއް ނޫނެވެ. ނަމަވެސް މެމްބަރުކަށް ވުމުގެ ހައްގު އޮންނަ ގައުމެއްކަން ކަނޑައެޅިގެން ދިޔަ ވޯޓެކެވެ.

ޔޫއެންޖީއޭގެ ގަރާރަށް ގައުމުތަކުން ވޯޓު ދިން ގޮތް

ރާއްޖެއިން ކޯ ސްޕޮންސާ ކޮށްފައިވާ މި ގަރާރް ފާސް ވުމާއި ގުޅިގެން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މިއަދު އދ.ގެ އާންމު މަޖިިލީހުގެ 10 ވަނަ ކުއްލި ބައްދަލުވުމުގައި ފަލަސްތީނުގެ ރައްޔިތުން އަދުލު އިންސާފު ގާއިމް ކުރުމަށް ކުރަމުންދާ މަސައްކަތުގައި، ތާރީހީ ކާމިޔާބީއެއް ފެނިގެން ހިނގައްޖެ ކަމަށެވެ.

"މި ސެޝަންގައި އދ. އަށް އަލަށް މެންބަރުން ވެއްދުމާއި ބެހޭ ގަެރާރު ފާސް ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އެޅި މުހިންމު ފިޔަވަޅަށް ތައުރީފް ކުރަން،". ރައީސް ވިދާޅުވިއެވެ.

އަދި މި ހަމަނުޖެހުންތަކަށް އޮތް ދާއިމީ ހައްލަކީ ދެ ދައުލަތުގެ ހައްލުކަމަށާއި، 1967 ގެ ކުރީގެ ބޯޑަރުތަކަށް ބިނާކޮށް، އިރުމަތީ ގުދުސް ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ފަލަސްތީނުގެ މިނިވަން އަދި މުސްތަގިއްލު ދައުލަތެއް ގާއިމު ކުރުން ކަމަށް ރާއްޖެއިން އަބަދުވެސް ދައްކަމުންދާ ވާހަކަތައް ރައީސް ތަކުރާރު ކުރެއްވިއެވެ.

ފަލަސްތީނުގެ ދައުލަަތަށް އދ.ގެ ފުރިހަމަ މެމްބަރުކަން ދޭން ތާއީދު ކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުގައި ރާއްޖެއިންވެސް މިދިޔަ މަސް ތެރޭގައި ގޮވާލާފައި ވެއެވެ.

ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް މަގުފަހިކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރެއް އެމެރިކާއިން ވަނީ އޭޕްރިލް 18ގައި ވީޓޯކޮށްފައެވެ.