ރާއްޖޭން ބޭރަށް 10،000 ޑޮލަރަށްވުރެ ބޮޑު އަދަދެއްގެ ގެންދާނަމަ، އެ ފައިސާ ހޯދި ގޮތް ހާމަކުރަން ޖެހޭނެ ކަމަށް ހޯމް މިނިސްޓަރ، އަލީ އިހުސާންް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިހުސާން މިކަން ހާމަކޮށްފައިވަނީ މިއަދު އެ މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ވުޒާރާތައް ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އެގޮތުން މިނިސްޓަރ ވިދާޅުވީ، ކުށްތަކަށް އަރައިގަނެ ހޯދަމުންދާ ފައިސާ ރާއްޖޭން ބޭރަށް ފޮނުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ. އެގޮތުން ރާއްޖޭން ބޭރަށް ޑޮލަރު ގެންދެވޭ އުސޫލުތަކަށް ވެސް މިހާރު ބަދަލު ގެނެސްފައިވާ ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

އިހުސާން ވިދާޅުވީ 10،000 ޑޮލަރަށް ވުރެ އިތުރަށް ރާއްޖެއިން ބޭރަށް ގެންދާނަމަ އެ ފައިސާގެ މަސްދަރު ނުވަތަ އެއީ ކުށުގެ ފައިސާއެއް ނޫންކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށާއި އެ ފައިސާ ހޯދި ގޮތުގެ ތަފްސީލުވެސް ދޭން ޖެހޭނެ ކަމަށެވެ.

"ދިވެއްސަކު ވިޔަސް، ބޭރު މީހަކު ވިޔަސް، ރާއްޖޭން ބޭރަށް، 10،000 ޑޮލަރަށް ވުރެ މަތިން، ދިވެހި ފައިސާ ވިޔަސް، ބޭރު ފައިސާ ވިޔަސް، އެ ހިފަހައްޓާފައި ރަނގަޅަށް ޑިކްލެއަރކުރުން މާނައަކީ އެއީ ކޮންތާކުން ކިހިނެއް ލިބުނު އެއްޗެއްތޯ ޤާނޫނީ އިމުގެ ތެރެއިން ބަލާއިރު އެއީ ހަމަޖެހޭ ވާހަކައެއްތޯ އެމީހާ އެ ދައްކަނީ، ބަލާފަ އެ ޑިކްލަރޭޝަން ނިމުނީނަ ނޫނިއްޔާ އެ ފައިސާ އަޅުގަނޑުމެން ދުލެއް ނުކުރަން." އިހުސާން ވިދާޅުވިއެވެ.

ރާއްޖޭގައި ސޭލްސް އެސިސްޓަންޓް، ކެފޭ/ރެސްޓޯރަންޓް ވެއިޓަރުން، ކައްކާއިން، ނުވަތަ ލޭބަރުންގެ ގޮތުގައި މަސައްކަތްކުރާ ބިދޭސީން ވެސް ރާއްޖޭގައި މަސައްކަތްކުރާތާ މަދު ދުވަސްތަކެއްގެ ތެރޭގައި ރާއްޖޭން ބޭރަށް ލައްކައަށް ވުރެ ގިނަ ޑޮލަރު ގެންދާކަން އިހުސާން ވަނީ ފާހަގަކުރައްވައިފައެވެ.

"ކުރީގައި 10،000 ޑޮލަރު ހިފައިގެންދާ މީހާ، ތިމަންނަ މި ދަނީ އެ ވަރަށް ޑޮލަރު ހިފައިގެންނޭ ބުނެފައި ދާންވީ، އޭނާއާ ސުވާލެއް ވެސް ނުކުރޭ، ބައިނަލްއަގުވާމީ ގޮތުން ވެސް ހަމަތަކެއް އޮންނަ ކަމެއް އެއީ. އޭގެ ސޯސް އޮފް ފަންޑްސް، ކިހިނެއް ހޯދި ފައިސާކަން ބުނެދޭން ޖެހޭ،" މިނިސްޓަރު ވިދާޅުވިއެވެ.

އިހުސާން ވިދާޅުވި ގޮތުގައި، މިގޮތަށް އުސޫލުތައް ހަރުކަށި ކުރުމުން ބޮޑު އަދަދުން ފައިސާ ރާއްޖެއިން ބޭރުކުރުން މިވަނީ ގާތްގަނޑަކަށް ހުއްޓުމަކަށް ގެނެވިފައެވެ.