މިއަހަރު މިހާތަނަށް ރާއްޖޭގައި ތިބި ބަންގްލަދޭޝް މަސައްކަތްތެރިން އެ ގައުމަށް 31 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ފޮނުވާފައިވާ ކަމަށް ބަންގްލްދޭޝް މީޑިއާތަކުން ހާމަކޮށްފިއެވެ.

"ޑާކާ ޓްރިބިއުން"އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބަންގްލަދޭޝްގެ ގިނަ މަސައްކަތްތެރިން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުންނެވެ. އެގޮތުން ހޮޓެލް ސްޓާފުންނާއި ވެއިޓަރުން އަދި ޝެފުންގެ ގޮތުގައި މަސައްކަތް ކުރަމުންދާ ކަމަށް ބުނެފައިވެއެވެ. އޭގެ އިތުރުން ކޮންސްޓްރަކްޝަން ދާއިރާ އަދި އެހެނިހެން މަސައްކަތުގައި ވެސް ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މީހުންގެ އަދަދު ލައްކައަކަށް ވުރެ ގިނައެވެ.

އެ ނޫހުން ރިޕޯޓުކޮށްފައިވާ ބަންގްލަދޭޝްގެ ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން ވޭތުވެ ދިޔަ ފަސް މަސްތެރޭ ރާއްޖެއިން ބަންގްލަދޭޝަށް ފޮނުވި ފައިސާގެ އަަދަދު 31.69 މިލިއަން ޑޮލަރަށް އަރައެވެ. އެއީ ގާތްގަނޑަކަށް 489,927,400 ރުފިޔާއެވެ.

ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ މަސައްކަތްތެރިން 2023 ވަނަ އަހަރު ނިމުނުއިރު ރެމިޓެންސްގެ ގޮތުގައި 21.82 ބިލިއަން ޑޮލަރު ގައުމަށް ފޮނުވާލިއިރު، މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު %2.54 އިތުރުވުމެކެވެ. ބަންގްލަދޭޝް ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު ރެމިޓެންސް އާމްދަނީގެ ގޮތުގައި 21.28 ބިލިއަން ޑޮލަރު އެ ގައުމަށް ލިބިފައިވެއެވެ. އަދި 2021 ވަނަ އަހަރު 21.74 ބިލިއަން ޑޮލަރު ލިބިފައިވެއެވެ.

ބަންގްލަދޭޝްގެ ބައިނަލްއަގްވާމީ ރެމިޓެންސް މާކެޓުގައި ބޮޑު ކުރިއެރުމެއް މިކުއާޓާގައި ވަނީ ހޯދާފައެވެ. 2023 ވަނަ އަހަރު އިންބައުންޑް ރެމިޓެންސް މާކެޓް %11.9 އިތުރުވެ، 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި 23.63 ބިލިއަން އެމެރިކާ ޑޮލަރަށް އަރާފައިވެއެވެ. އަދި 2024 އިން 2028 އަށް މާކެޓް ސައިޒު 31.61 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާކޮށްފައިވެއެވެ.

ބަންގްލަދޭޝްގެ ރެފިއުޖީ އެންޑް މައިގްރޭޓަރީ މޫވްމެންޓް އެންޑް ރީސާރޗް ޔުނިޓުން ބުނާގޮތުން ބަންގްލަދޭޝް މަސައްކަތްތެރިންގެ އެވަރެޖް މަހު މުސާރަ އުޅެނީ 300 ޑޮލަރާއި ގާތް އަދަދެއްގައެވެ. ޑޮކިއުމެންޓުތައް ފުރިހަަމަކޮށްގެން އުޅޭ މީހުންނަށް މަހެއްގެ މައްޗަށް 314 ޑޮލަރު ޖެހޭއިރު ލިޔެކިއުންތައް ފުރިހަަމަނުކޮށް ގަވައިދާ ހިލާފަށް އުޅޭ މީހުންނަށް ލިބެނީ މަހެއްގެ މައްޗަށް 212 ޑޮލަރާއި ގާތްކުރާ އަދަދެއްކަމަށް ބުނެފައިވެއެވެ.

ބަންގްލަދޭޝް ބެންކުން ހާމަކުރި ގޮތުގައި އެ ގައުމުގެ 33 އިންސައްތަ މަސައްކަތްތެރިން މަސައްކަތް ކުރަމުންދަނީ ހޮޓެލްތަކާއި ރިސޯޓުތަކުގައެވެ. 25 އިންސައްތަ ކޮންސްޓްރަކްޝަން މަސައްކަތްތައް ކުރަމުންދާއިރު، ދުވަހު މަސައްކަތްކުރާ މީހުންގެ ގޮތުގައި 7 އިންސައްތަ މީހުން އަދި ގޭބިސީތަކުގައި މަސައްކަތްކުރާ މީހުންގެ ގޮތުގައާއި މަސްވެރިންގެ ގޮތުގައި 2 އިންސައްތަ މީހުން އުޅެމުންދާކަމަށް ބުނެފައިވެއެވެ.

ރާއްޖޭގައި އެކުލަވާލެވިފައިވާ އައު ގަވައިދުތަކުގެ ދަށުން ކޮންމެ ގައުމަކަށްވެސް ދީފައިވަނީ އެއްލައްކަ މީހުންގެ ކޯޓާއެވެ. އެހެންނަމަވެސް ރާއްޖޭގައި އެއްލައްކައަށްވުރެ ގިނަ ބަންގްލަދޭޝް މަސައްކަތްތެރިން ތިބުމާއި ގުޅިގެން އަދި ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތާއި ގުޅިގެން ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެނައުމަށް އައު ވޯކްވިސާ ދޫކުރުން މިހާރު ވަނީ ހުއްޓާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކޮރަލް

    ބޭންކް މެދުވެރި ނުކޮށް ވަގަށް ފޮނުވާ ފައިސާ ވ ގިނަ އެވެ.

  2. ބަރުގޮނު

    ޙަޤީޤީ ޢަދަދު މާބޮޑުވާނެ. ބޭންކް މެދުވެރިނުކޮށްވެސް އެކިގޮތްގޮތަށް ފައިސާ ފޮނުވާ. ރާއްޖޭގައި ފައިސާ ހޯދަން ވަރަށް މުރާލިކަމާއެކު އެމީހުން މަސައްކަތްކޮށްގެން ފައިސާ ހޯދާ. ފިހާރައެއްގައި އުޅޭ މަސައްކަތުމީހާވެސް ފިހާރައިން ހުސްވާ ހުސްފޮށިގަޑުވެސް ވަރަށްް ފަރުވާތެރިކަމާއެކު ޖަމާކޮށް ހުސް ފޮށިންވެސް އާމްދަނީ ހޯދާ. ބޭންކް މެދުވެރިނުުކޮށް ފައިސާ ފޮނުވުމުގައިވެސް "މޮޅު" އުކުޅުތައް ގެންގުޅޭ.

  3. ޢާދަނުބެ

    ދެން ވިސްނާލަ މި ގައުމުން ޑޮލަރު ލިބޭނެތަ