ސިނާއީ ބޭނުމަށް ތިލަފުށީގެ ފުރަތަމަ ފިޔަވަހިން ބިން ކުއްޔަށް ނަގާފައިވާ މީހުން، ބިން މިލްކުކުރަން ބޭނުންވާ ނަމަ ސިޓީއަކުން އެ ކަމަށް އެދި ހުށަހަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު އެދިއްޖެއެވެ.

ތިލަފުށިން ބިން މިލްކުކުރަން ބޭނުންވާ މީހުން ބީލަމުގެ އުސޫލުން ބިން ގަތުމަށް އެދި މި މަހުގެ ދެވަނަ ދުވަހު ހުޅުވާލިއިރު މި ކަމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ފޯމު ހުށަހަޅަން ކުރިން އެދިފައިވަނީ، އެޗްޑީސީގެ ބިޑް ޕޯޓަލް މެދުވެރިކޮށެވެ.

ވިއްކުމަށް ހަމަޖެހިފައިވަނީ ތިލަފުށީ ޒޯން އޭގެ އޭރިޔާ ބީގައި މިހާތަނަށް ނުވިކިހުރި ބިންތަކެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ޓައިޕް 1، 4999 - 2500 އަކަފޫޓު، 64 ގޯތި
  • ޓައިޕް 2، 9999 - 5000 އަކަފޫޓު، 42 ގޯތި
  • ޓައިޕް 3، 10000 - 14999 އަކަފޫޓު، 2 ގޯތި

ތިލަފުށީގެ ބިން ވިއްކުން ކުރިއަށް ގެންދަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާއަކީ އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމެވެ. ދެވަނަ މަރުހަލާއަކީ ގަންނަން ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައިވާނަމަ، ބިޑް ކުރުމެވެ.

މީގެ އިތުރުން، ތިލަފުށީގެ ފުރަތަމަ ފިޔަވަހިން ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށް، ބިން މިލްކުކުރެވޭގޮތަށް ބިން ގަތުމުގެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ. މިގޮތުން، ބިން ގަތުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ ތިލަފުށީގެ ފުރަތަމަ ފިޔަވަހިން 5،000 އަކަފޫޓު ނުވަތަ އެއަށް ވުރެ ބޮޑެތި ބިން ކުއްޔަށް ނަގާފައިވާ ފަރާތްތަކަށެވެ.

މިކަމާއި ބެހޭ އިތުރު މައުލުމާތު އެޗްޑީސީގެ ހޮޓްލައި 1516 އަށް ގުޅުއްވުމުން ލިބޭނެ ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.