ރާއްޖެ އެތެރެކުރާ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމަށް ސިއްހީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް ވިދާޅުވީ ރާއްޖެ އެތެރެކުރާ ކާބޯތަކެއްޗަކީ ރައްކާތެރި އެއްޗަކަށް ހެދުމަށްޓަކައި މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމަށާއި ކުރިއަށް އޮތްތަނުގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އަށް ބާރުތަކެއް ލިބިގެންދާނެ ކަމަށެވެ.

"މި ސަރުކާރުގައި އަޅުގަނޑުމެން ވަރަށް ސަމާލުކަމެއް ދޭ ކަމެއް ކާބޯތަކެތީގެ ރައްކާތެރިކަން. ކާބޯތަކެތޯގެ ރައްކާތެރިކަމަށް އެމްއެފްޑީއޭ އިން ވަރަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އެބަގެންދޭ."، ހަލީލް ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމާއި ގުޅޭ ބިލް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާކަން ފާހަގަކުރައްވަމުން ހަލީލް ވިދާޅުވީ އެ ބިލް ގެޒެޓްވާ ހިސާބުން ފެށިގެން އެމްއެފްޑީއޭއަށް ހާއްސަ ބާރުތަކެއް ލިބިގެންދާނެ ކަމަށެވެ. މިހާރު މި އޮންނަ ގޮތުން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޝަކުވާތައް ލިބުނު ކަމުގައިވިޔަސް އެކަމަށް ފިޔަވަޅު އަޅަން މާބޮޑު ބާރު ތަކެއް ލިބިފައިނުވާ ކަމަށާއި އަލަށް ފާސްކުރެވުނު ބިލް ޤާނޫނަކަށްވާ ހިސާބުން އެބާރުތައް ލިބިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

"އަލަށް ފާސްވެގެން ދިޔަ ބިލް ޤާނޫނަކަށްވާ ހިސާބުން ފެށިގެން ފިޔަވަޅު އެޅުމުގެ ފުރުސަތު އެބަ ލިބިދޭ ހެދޭ ޤަވައިދެއްގެ ތެރެއިން."، ހަލީލް ވިދާޅުވިއެވެ.

ހަލީލް އިތުރަށް ވިދަޅުވީ މި ބިލް ޤާނޫނަކަށް ބަދަލުވާ ހިސާބުން ރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި އެތެރެވާ ގޭޓާ ހިސާބުން އެތަކެތި ޓެސްޓުކޮށް އެއީ ރައްކާތެރި އެއްޗެއްކަން ކަށަވަރުކުރުމަށްފަހު ނޫނީ އެތެރެ ނުކުރެވޭ ގޮތަށް ހެދުމުގެ ބާރު ލިބިގެންދާނެ ކަމަށެވެ. އަދި އެ ތަކެތި އެތެރެކުރުމުގެ ކުރިން ސުންކު (ސާމްޕަލް) އެމްއެފްޑީއޭއަށް ފޮނުވަން އުފައްދާ ކުންފުންޏަށް އެންގުމުގެ ބާރުވެސް އޭރުން ލިބޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖެއަށް އެތެރެވާ ކާބޯތަކެތި މި އެތެރެވާ ގޭޓާ ހިސާބުން ފެށިގެން މިބިލް ޤާނޫނަކަށްވާ ހިސާބުން އަޅުގަނޑުމެންނަށް ބާރު ލިބިގެން އެބަދޭ، އެމްއެފްޑީއޭއަށް ބާރު ލިބިގެން އެބަދޭ ސާމްޕަލް ކަލެކްޓު ކުރަން. ސާމްޕަލް ކަލެކްޓުކޮށް އެ ޓެސްޓު ކުރުމުގެ ނިޒާމު ޤާއިމުކުރުމަށް އެ ބާރު ލިބިގެންދޭ."، ހަލީލް ވިދާޅުވިއެވެ.

ރާއްޖޭގައި ދަނޑުވެރިކަން ކުރިއަރަމުން އަންނައިރު ތަފާތު ކެމިކަލްތައް ބޭނުންކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ކާބޯތަކެތީގެ ބާވަތްތަކުގައި އެ ކެމިކަލް ހުރި މިންވަރު ދެނެގަންނަން ރާއްޖޭގައި ކުރެވެނީ މަދު ޓެސްޓުތަކެއް ކަމަށާއި އެ ސުންކުތަެް ނެގުމަށްފަހު ޓެސްޓު ކުރުމަށް ބޭރަށް ފޮނުވަން ޖެހިއްޖެ ހާލަތެއްގައި ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުމަށް ސަރުކާރުން މަޝްވަރާ ކުރަމުން އަންނަ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޜައްޔިތުމީހާ

    ގަވާއިދާގިލާފައް ހިންގާ ކެފޭތަކާ ކާބޯތަކެތި ތައްޔާރުކުތާތަންތަން ޗެކްނުކުރެވޭ