ގއ. ވިލިނގިލީ ހިއްކި ސަރަހައްދުން މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ފުލުހުން ބުނީ ވިލިނިގިލީގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

ވިލިނިގިލި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން މިއަދު ހިންގި އެ އޮޕަރޭޝަނުގައި، އެރަށު ހިއްކި ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ސައިޒުގެ ކޮތަޅެއް ފެނިފައިވެއެވެ.

ފުލުހުން ވަނީ ފެނުނު މަސްތުވާތަކެތީގެ ފޮޓޯއެއް ވެސް އާންމުކޮށްފައެވެ. ކުޑަ ކައްޓާއެއް މަތީގައި ޑްރަގް ބަހައްޓާފައި ހުރި އިރު، އެ ފޮޓޯއިން އެނގޭ ގޮތުގައި އެ ޑްރަގްގެ ބަރުދަނުގައި ހުރީ ގާތްގަނޑަކަށް 40 ގްރާމެވެ.

އެކަމަކު، މި މައްސަލައާއި ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.