ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާން އަލް މަރުޝަދު، ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

އަބްދުއްރަހްމާން މިއަދު ރާއްޖެ ވަޑައިގެން އެންމެ ފުރަތަމަ ބައްދަލު ކުރައްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއެވެ. މި ބައްދަލުވުމާ ގުޅޭ ތަފްސީލެއް އަދި ރައީސް އޮފީހުން ހާމަކޮށްފައެއް ނުވެއެވެ.

ރައީސް މުއިއްޒު، ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުގެ ސީއީއޯ ސުލްތާން އަބްދުއްރަހްމާނާ މިއަދު ބައްދަލުކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް

ސައުދީ ފަންޑުގެ ސީއީއޯ އާއި އެ ފަންޑުގެ ވެރިން ރާއްޖެ އަށް ކުރައްވާ ދަތުރުފުޅުގައި ފިނޭންސް މިނިސްޓްރީގައި ވެސް މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވެއެވެ. ސައުދީ ފަންޑުގެ އެހީގައި ހުޅުމާލޭގައި ހިންގި މަޝްރޫއުތަކެއް މިއަދު އިފްތިތާހު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސައުދީ ފަންޑުގެ ވެރިޔާ ރާއްޖެ ވަޑައިގެންނެވި އިރު، ރައީސް ޑރ. މުއިއްޒު ވަނީ މިދިޔަ ހަފްތާގައި ސައުދީ އަށް ދަތުރުފުޅެއް ކުރައްވައިފައެވެ. އޭގެ ކުރިން، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސައޫދީ އަށް ކުރެއްވި ދަތުރުގައި ވެސް ސައޫދީ ފަންޑުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާތަކެއް ކުރެއްވިއެވެ.

ސައުދީ ފަންޑުގެ އެހީގައި މިހާރު ވެސް ރާއްޖޭގައި އެކި މަޝްރޫއުތައް ހިންގައެވެ. އެންމެ ބޮޑު މަޝްރޫއުގެ ގޮތުގައި ކުރިއަށް ދަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ތަރައްގީ ކުރުމުގެ މަޝްރޫއެވެ.