ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން (އެންއެޗްގޭމް) އިން ށ ފުނަދޫގައި ގެސްޓު ހައުސް ވިޔަފާރިއާ ބެހޭ ވޯކްޝޮޕެއް ބާއްވައިފިއެވެ.

މި ވޯކްޝޮޕުގައި އެ އަތޮޅު 14 ރަށަކުން ވަނީ ބައިވެރިވެފައިވާއިރު ގެސްޓު ހައުސް އަޅާނެ ގޮތާއި ގެސްޓު ހައުސް އަޅައިގެން ހިންގާނެ ގޮތް އަދި މާކެޓް ކުރާނެ ގޮތް ވަނީ ކިޔައިދީފައެވެ.

ފޮޓޯ: އެންއެޗްގޭމް

މިދިޔަ ބުދަ ދުވަހާއި އިއްޔެ ކުރިއަށް ދިޔަ މި ވޯކްޝޮޕްގެ ބައިވެރިންނަށ ވަނީ ސެޓްފިކެޓް ވެސް ދީފައެވެ.

ރާއްޖޭގައި މި ފަހަކަށް އައިސް ގެސްޓްހައުސްގެ ވިޔަފާރި އަންނަނީ ވަރަށް ބޮޑަށް ފުޅާވަމުންނެވެ. ރާއްޖެ އަށް އާމްދަނީ ހޯދައިދޭ އެންމެ މުހިންމު އެއް ދާއިރާއަކީ ވެސް ލޯކަލް ޓޫރިޒަމެވެ.

ފޮޓޯ: އެންއެޗްގޭމް
ފޮޓޯ: އެންއެޗްގޭމް
ފޮޓޯ: އެންއެޗްގޭމް

މިދިޔަ މާޗް މަހުގެ ތެރޭގައި އެންއެޗްގޭމްގެ ފުރަތަމަ ފޮތް ވަނީ ލޯންޗުކޮށްފައެވެ. ޖަރުމަނުގެ ބާލިންގައި ބޭއްވި އައިޓީބީ ފެއާގައި ލޯންޗު ކުރި މި މެގަޒިންއަކީ ދުނިޔޭގެ އެކިއެކި ގައުމުތަކުގައި ކުރިއަށް ގެންދާ އެކިއެކި ޓްރެވަލް ފެއާތަކުގައި ހިލޭ ބެހުމަށް ހަމަޖެހިފައިވާ މެގަޒިނެކެވެ. އެންއެޗްގޭމްގެ އޮފީހެއް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ވަނީ މާލޭގައި ހުޅުވައިފައެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރާއްޖޭގައި 837 ގެސްޓްހައުސް ހިންގައެވެ. އެއީ 14،097 އެނދެވެ. ރާއްޖޭގައި 15 ހޮޓަލެއް ހިންގާއިރު އެއީ 2،016 އެނދެވެ.

ފޮޓޯ: އެންއެޗްގޭމް

ޓޫރިޒަމް މިނިސްޓްރީން ބުނާ ގޮތުގައި، މި އަހަރު ސަރުކާރުުގެ އަމާޒަކީ ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.