ކ.ތިލަފުށިން ފުރައިގެން މ.މެދުފުށި އައިލެންޑް ރިސޯޓަށް ދަތުރު ކުރި ދޯނި ހޯދަން މޯލްޑިވިއަންގެ މަތިންދާ ބޯޓެއް ބޭނުން ކުރަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ ދޯނި ފެނިފައި ނުވާ އިރު، ދޯނިން ހަތަރު މީހުން ދަތުރު ކުރި ކަމަށް ދޯނީގެ ވެރިފަރާތުން މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް މި ހަތަރު މީހުންނާ ބެހޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ނުދެއެވެ.

އެ ދޯނި ހޯދުމުގެ މަސައްކަތުގައި، މޯލްޑިވިއަން ފުލައިޓެއްގެ އެހީ ހޯދަން ފަށާފައި ވަނީ މިއަދެވެ.

އެމްއެންޑީއެފުން މިއަދު ވިދާޅުވީ "AAA-37" ނަމަކަށް ކިޔާ މުދާ އުފުލާ ދޯނި ހަބަރެއް ނުވެގެން އެކަމުގެ މައުލޫމާތު އެމްއެންޑީއެފަށް ލިބުނީ އިއްޔެ ހަވީރު 17:20 ހާއިރު ކަމަށެވެ. ރިސޯޓަށް އެ ދޯނި ފުރީ އިއްޔެ ހެނދުނު 6:00 ހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ އެމްއެންޑީއެފް ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅައި މަޢުލޫމާތު ހިއްސާ ކުރުމަށް އެމްއެންޑީއެފުން އެދެއެވެ.

މި ދުވަސްވަރަކީ މޫސުން ވަރަށް ގޯސް، ކަނޑުތައް ވެސް ވަރަށް ގަދަ ދުވަސްވަރެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޮބައިހޭ ޑްރޯން؟ ކޮބައިހޭ ހެލިކޮޕްޓަރުތައް؟

    މަޢުލޫމާތު ލިބުނީ އިއްޔެ ހަވީރެވެ. ހޯދަން ތިފެށީ މިއަދެވެ. އެވެސް މޯލްޑިވިއަން ފްލައިޓެއްގަ އެވެ. ޑްރޯން އާއި ހެލިކޮޕްޓަރު ތަކުގެ ވާހަކަ ދެއްކެނީ އެހެންވެގެންނެވެ.

  2. ގަންބަނެ ބުދާ

    ކޮބާ ބައިރަކުތާ؟

  3. ކަކުނިބޯ

    އޭއޭއޭ ދޯ

  4. ޑރ. ރާމީ ޙަސަން މަނިކު ޕީ.އެން.އެފް

    އަގުބޮޑު-ކޮށް ގަތް ޑްރޯން ތައް ކޮބާ؟ އެއް ފަހަރު ބުނާނެ ތުރުކީ އިން ހިލޭ ދިން އެއްޗިއްސޭ. އަނެއްފަހަރު ބުނާނެ ކުޑަ އަގަށޭ! ޑްރޯން ތަކުގެ ޙަޤީޤަތެއް ވެސް ނޭންގޭ!

  5. އެޑަމްބެ

    ﷲ ރަހުމަތުން ކަނޑުވި މީހުން ހެޔޮހާލުގައި ލަށްވާ ސަލާމަތްތެރިކަމާއި އެކު ފެނުމުގެ ނަސީބު މިންވަރު ކުރަށްވާށިއެވެ އާމީން.