ދިމާވާ ކޮންމެ ކަމެއްގައި ރައްޔިތުންގެ ހާލު ރައީސް ޑރ. މުހައްމަދު މުއިއްޒު ގާތުން ބައްލަވާ ކަމަށް ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ތ. ކަނޑޫދޫގައި ފާރެއް ވެއްޓި ސީރިއަސް އަނިޔާތައް ލިބުނު އުމުރުން 10 އަހަރުގެ ފިރިހެން ކުއްޖާ އަށް އިތުރު ފަރުވާ ދިނުމަށް އެއާ އެމްބިއުލާންސްގެ ސީޕްލޭންގައި މިއަދު މާލެ ގަނައުމާއި ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ ރައްޔިތަކަށް، ދިމާވާ މިފަދަ ކޮންމެ ޙާދިސާއެއް މެދުނުކެނޑި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްލަވާކަމީ، ރައްޔިތުންނާ މެދު އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ލޯތްބާއި އިޙްސާންތެރިކަން ހާމާވާކަމެއް ކަމަށެވެ.

އެ ރަށުން "ވަގުތު" އަށް ކިޔައި ދިން މީހަކު ބުނި ގޮތުގައި މި ހާދިސާ ހިނގީ އިއްޔެ އިރުއޮއްސެން އުޅެނިކޮށެވެ. އެ ކުއްޖާގެ ގައި މައްޗަށް ފާރު ވެއްޓުމުން ކުއްޖާއަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް އޭނާ ކިޔައި ދިނެވެ.

ޞިއްޙީ އިމަޖެންސީ ޙާލަތްތަކުގައި ބަލިމީހުން އުފުލުމަށްޓަކައި އެކަމަށް ހާއްސަ ކުރެވިފައިވާ މަތިންދާ ބޯޓާއެކު ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއަރ އެމްބިއުލާންސްގެ ހިދުމަތް ފެށީ މީގެ ދެ މަސް ކުރިންނެވެ.

އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުން ކުރާ ޑޭޝް8ގެ މަތިންދާ ބޯޓުގައި އެއްފަހަރާ ދެ ބަލިމީހުން އުފުލޭނެއެވެ. އެއަރ އެމްބިއުލާންސަށް ހާއްސަކޮށް 15 މުވައްޒަފުން ވަނީ ތަމްރީން ކޮށްފައެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުން ހިމެނެއެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ހިދުމަތްތަކެއް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިޔާސަތެވެ.

އެއަރ އެންބިއުލާންސްގެ ހިދުމަތް ތައާރަފްކުރެއްވުމާއި އެ ޚިދުމަތް ފުޅާކުރެއްވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ.

ރައީސް މުއިއްޒުގެ ތަސައްވުރަކީ ރާއްޖެއާއި ރާއްޖެއިން ބޭރަށް އެއަރ އެންބިއުލާންސްގައި ބަލިމީހުން ފަސޭހައިން އުފުލޭނެ އިންތިޒާމް ހަމަޖެއްސެވުމެވެ. އަދި ރާއްޖޭގެ އަވައްޓެރި ގައުމުތަކުގެ އިތުރުން ދުބާއީ އާއި ތައިލެންޑް ފަދަ ޤައުމުތަކުން ދިވެހީންނަށް ބޭސްފަރުވާގެ ޚިދުމަތް ލިބޭނެ އިންތިޒާމް ހަމަޖެއްސެވުމާއި، އެ ގައުމުތަކަށް ވެސް ރާއްޖެއިން އެއަރ އެންބިއުލާންސުގައި ބަލިމީހުން އުފުލުމުގެ އަވަސް އިންތިޒާމް ހަމަޖެއްސެވުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާ

    އެފެންނަނީ ރައީސުލް ޖުމްހޫރިއްޔާއަށްވެސް ދިވެހި ސަރުކާރުގެ ކޮމްޕީޓެންސީއާއި ދޭތެރޭ ޔަގީންކަން ކުޑަކަމުގެ ނިޝާނެކެވެ. އަދި މައިކުރޯ މެނޭޖު ކޮއްގެން ނޫނީ މުހިންމު ކަންކަން ނުކުރެވޭކަމުގެ ނިޝާނެކެވެ. މިއީ މެނޭޖްމަންޓު ޕާރސްޕެކްޓިވްއިން ތިވިދާޅުވި ބަަސް ޓުރާންސްލޭޓުވާގޮތެވެ.

  2. މީޒްލީ

    ކަމެއް ކުރާއިރު، ދެއްކުންތެރިކަން ނުހިމަނާ ނުވަތަ ކަމެއް ކުރިކަން ދެއްކުމަކާއި ނުލާ އެއްކަމެއްވެސް ނުކުރެވޭހެން ހީވަނީ! ގިނަގުނަ ތިޔަބާވަތުގެ ކަންކަން ރައްޔަތުންނަށް ކޮއްދޭނަމޭ ބުނެ ބޮޑެތި ވައުދުވީމާ ރައްޔަތުން ވޯޓްދިނީ، ދެން 5 އަހަރުވަންދެން އެކަންކަން ކުރުންމަތީ ދެމިތިބޭށޭ ބުނެވޭނީ! ކޮންމެ ކަމެއްކޮއްފަ ރައީސޭ ފަޅޮލޭ ނުކިޔާ!