"ވަގުތު" އޮންލައިންގެ 10 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ފޮނުއްވައިފިއެވެ.

އެމަނިކުފާނު މި ތަހުނިޔާ ފޮނުއްވީ މަޝްހޫރު މީސް މީޑިއާ، "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ. ރައީސްގެ އެ ޕޯސްޓުގައި "ވަގުތު" އޮންލައިނުން ހިދުމަތުގައި 10 އަހަރު ދެމިތިބުމާ ގުޅިގެން އެކަމަށް މަރުހަބާ ދަންނަވާފައިވެއެވެ.

"ވަގުތު" އޮންލައިން ވުޖޫދަށް އައީ މެއި 18، 2014 ގައެވެ. މިވީ 10 އަހަރުގެ ތެރޭގައި ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. އެގޮތުން ރާއްޖޭގައި ހިންގަމުން އަންނަ މީޑިއާތަކުގެ ތެރެއިން އެއް ވަނަ މީޑިއާގެ ގޮތުގައި އަދިވެސް އޮތީ "ވަގުތު" އޮންލައިނެވެ. މި މަގާމު "ވަގުތު" އޮންލައިނުން ދަމަހައްޓަމުން އަންނަތާ މިހާރު ވަނީ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައެވެ.

ރާއްޖޭގައި މީހުން އެންމެ އާންމުކޮށް ވަންނަ ވެބްސައިޓުތަކުގެ ތެރެއިން ހަތް ވަނަ އަށް އެންމެ ގިނަ މީހުން ވަންނަ ވެބްސައިޓަކީ ވެސް "ވަގުތު"އެވެ.

"ވަގުތު" އޮންލައިނުން އަންނަނީ އެހެން މީޑިއާތަކާ ހިލާފަށް ތަފާތު އެކި ކަންކަން ކުރަމުންނެވެ. އެގޮތުން "ހޭރިޔާ" ނަމުގައި ރާއްޖޭގެ ރަށްރަށަށް ދަތުރުކޮށް، އެ ރަށްރަށުގައި ހުންނަ އެކި ކަންކަމާ ބެހޭ އާ މައުލޫމާތު ގެނެސްދެއެވެ. ގިނަ ބަޔަކަށް އެ މައުލޫމާތު ވެގެން ދަނީ މައުލޫމާތުގެ ހަޒާނާ މުއްސަނދިކޮށްލާ މައުލޫމާތަކަށެވެ.

އޭގެއިތުރުން ރާއްޖޭގައި ބާއްވާ ބޮޑެތި އިންތިހާބުތަކުގެ ލައިވް ކަވަރޭޖާއި އިންތިހާބުތަކުގެ ނަތީޖާ ވަރަށް ތާޒާ ކަމާއެކީގައި "ވަގުތު" އޮންލައިނުން ވާނީ ފޯރުކޮށްދީފައެވެ. "ވަގުތު" އޮންލައިނުން ކާމިޔާބު ކަމާ އެކުގައި ކުރިއަށް ގެންދިޔަ އެންމެ މުހިންމު އެއް ކަވަރޭޖަކީ ފަލަސްތީނާއި އިސްރާއީލްއާ ދެމެދުގައި ކުރިއަށްދާ ހަނގުރާމައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު 7 އިން ފެށިގެން ކުރިއަށްދާ ހަނގުރާމައިގެ ލައިވް ބްލޮގް ކޮންމެ ދުވަހަކު ގެނެސްދެއެވެ. އެ ލައިވް ބްލޮގް މެދުކެނޑުމެއް ނެތި ގެނެސްދެމުން އަންނަތާ މިއަދަށް ވަނީ 223 ދުވަސްވެފައެވެ. މިއީ މިހާތަނަށް އައިއިރު އެންމެ ދިގު މުއްދަތަކަށް ގެނެސްދިން ލައިވް ބްލޮގެވެ.

ބައެއް ބޮޑެތި އިންތިހާބުތަކާ ދިމާކޮށް "ވަގުތު" އޮންލައިނުން ކުރިއަށް ގެންގޮސްފައި ވަނީ ވެސް ކާމިޔާބު ސާވޭތަކެކެވެ.

"ވަގުތު" އޮންލައިންގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ މަރުހަބާ ކިޔަމުންނެވެ. އެމީހުން ފާހަގަ ކުރާ ގޮތުގައި "ވަގުތު" އޮންލައިނަކީ އަބަދުވެސް ތާޒާކަމާއި އަވަސްކަމާ އެކީގައި ހަބަރު ފެތުރުމުގައި ނަމޫނާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ފައިބްރެ

    މަރްޙަބާ!

    3
    3