ގައުމުގެ މިނިވަންކަން ދެމެހެއްޓޭނީ ކާބަފައިންގެ އާސާރީ ތަރިކަ ރައްކާތެރިކޮށްގެން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ދާރުލްއާސާރު ދުވަހުގެ މުނާސަބަތާ ގުޅިގެން މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހިވަންތަކަން ހިމާޔަތްކޮށް، ގައުމުގެ މިނިވަންކަން ދެމެހެއްޓޭނީ ކާބަފައިންގެ އާސާރީ ތަރިކަތައް ރައްކާތެރިކޮށްގެން ކަމަށެވެ.

އާސާރީ ތަރިކަތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމުގެ ގޮތުން މި ސަރުކާރުން ވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ނަމުގައި ހާއްސަ ވުޒާރާއެއް އުފައްދައިފައެވެ.

ރާއްޖޭގައި ނެތެމުންދާ ތަރިކަތަކަށް ފަރުވާދޭނެ ހާއްސަ ލެބޯޓްރީއެއް ގާއިމްކުރުމުގެ މަސައްކަތާ ތަރިކަ ބެލެހެއްޓޭނެ ދިވެހި ޒުވާނުންގެ ފަންނީ ގުރޫޕެއް އުފެއްދުމުގެ މަސައްކަތްވެސް ދިވެހިބަހާ ބެހޭ ވުޒާރާއިން ގެންދަނީ ކުރަމުންނެވެ.

އަދި އެ ވުޒާރާ އިން ވަނީ މާލޭގެ މުހިންމު އާސާރުތަކެއްގެ އާބާތުރަފިލުވައި، މަރާމާތުކޮށް، އެތަންތަން ޒީނަތްތެރިކުރުމުގެ މަސައްކަތް ސެޓެލްކޯއާ ހަވާލުކޮށްފައެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަންނީ އިރުޝާދުގެ ދަށުން، ސްޓެލްކޯއިން މާލޭ ހުކުރު މިސްކިތާއި މިސްކިތުގެ ގޯތިތެރެ އަދި މުންނާރާއި މާލޭ މެދުޒިޔާރަތުގެ އިތުރުން ކަޅުވަކަރު މިސްކިތާއި މިސްކިތުގެ ގޯތިތެރޭގައި، އެތަންތަން ރައްކާތެރިކަމާއިއެކު ގިނަ ޒަމާންތަކަކަށް ދެމެހެއްޓުމަށްޓައި ކުރަންހުރި އާބާތުރަފިލުވުމާއި މަރާމާތުކުރުމާއި ޒީނަތްތެރުކުރުމުގެ މަސައްކަތްތައް އެ ކުންފުނިން ކުރާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލަލަލަ

    އަދި ގައުމުގައި ތިބި ދުވަސްވެލާފާ ތިބި އިލްމުވެރިންނާ ތަޖުރިބާކާރުން ހަވާސާޔަށް ލައި އެއްފަރާތްވެސް ކޮށްގެން

  2. މުގައްދިމާ

    އާސާރީ ތަރިކައޭ ކިޔާފަ އެއްޒަމާނެއްގަ ދިވެހިން އަޅުކަންކުރަން ގެންގުޅުނު ބުދުތަކެއް ރައްކާކޮށް އެއަށް ހޭހަން ކުރާކަށް ނުޖެހޭ. މާތް ނަބިއްޔާގެ ޒަމާނުގައި މައްކާ ފަތަޙަ ކުރައްވައި ގެފުޅުގައި ހުރި ބުދުތައް ނެރުއްވާ އެތަކެތި ތަޅުއްވާ ގެފުޅު ތޯހިރު ކުރެއްވީ. ބުދުތައް ބަހައްޓައިގެން ދާރުލްއާސާރެއް ނުހައްދަވާ. ދީނީކާޑު ކުޅުއްވާ ބޭފުޅުން މިފަހަރު މިކަން ހަމަޔަކަށް އަޅުވަން ވާނެ.