"ވަގުތު"ގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަން އުޅޭ މީހަކާ މެދު ސަމާލުވުމަށް "ވަގުތު" އޮންލައިނުން އެދިއްޖެއެވެ.

"ވަގުތު" އެހީގެ ނަމުގައި ފޭސްބުކްގައި "ވަގުތު" ގެ ފޮޓޯ ބޭނުންކޮށްގެން ގްރޫޕެއްގައި މީހަކު ވަނީ ބަލި ކުއްޖަކަށް ފައިސާގެ އެހީ ބޭނުންވާ ކަމަށް ބުނެފައެވެ. އަދި ކުޑަކުއްޖެއްގެ ފޮޓޯ ބޭނުންކޮށްގެން 7730000603071 ރުފިޔާ އެކައުންޓް އަދި 7730000603073 ޑޮލަރު އެކައުންޓަށް ފައިސާ ޖަމާކޮށްދިނުމަށް ދަނީ އެދެމުންނެވެ.

މި ޕޯސްޓުގައި ބުނެފައިވަނީ އެ ކުޑަކުއްޖާ ތިންވަނަ ޓިއުމަރު އޮޕަރޭޝަން ކުރަން ބޭނުންވާތީ ފައިސާގެ އެހީ ބޭނުންވާ ކަމަށެވެ.

އެމީހާ ވަނީ ސީއެންއެމް އޮންލައިން ނޫހުގެ ލިންކެއް ވެސް ހިއްސާކޮށްފައެވެ. އެކަމަކު، އެއީ ރަނގަޅު ލިންކެއް ނޫނެވެ.

"ވަގުތު" ގެ މެނޭޖްމަންޓުން ވަނީ ވީހާވެސް ގިނަ ބަޔަކު މި ޕޯސްޓާ މެދުގައި ހޭލުންތެރިވުމަށް އެދިފައެވެ.

ވަގުތު އެހީގެ ނަމުގައި މިފަދައިން އޮޅުވާލައިގެން ފައިސާ ހޯދަން މަސައްކަތް ކުރާއިރު މިފަދަ ގޮތް ގޮތަށް މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.