"ވަގުތު" އޮންލައިންގެ 10 ވަނަ އަހަރީ ދުވަހާ ދިމާކޮށް އައްޑޫ ސިޓީގައި ހަވާ އެރުވުމަށް ނިންމައިފިއެވެ.

"ވަގުތު" އޮންލައިން ވުޖޫދަށް އައީ މެއި 18، 2014 ގައެވެ.

މި ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެކި ދުވަސްތަކަށް ބަހާލައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ ދުވަސް ކުލަ ގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި "ވަގުތު" ފުޓްސަލް ޗެލެންޖު 2024" ބޭއްވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކުރީ ފަހަރުތަކެކޭ ވެސް އެއްގޮތަށް މިފަހަރު ވެސް މި މުބާރާތް އޮންނާނީ އައްޑޫ ސިޓީގައެވެ. "ވަގުތު" ފުޓްސަލް ޗެލެންޖާއި ހަވާ އެރުވުމާ އެކީގައި ގިނަ ހަރަކާތްތަކެއް ހިންގުމަށް "ވަގުތު" މެނޭޖްމަންޓްގެ ފަރާތުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.

ރާއްޖޭގައި މެދުކެނޑުމެއް ނެތި ހިންގަމުން އަންނަ އެންމެ ދުވަސްވީ ނޫސް "ވަގުތު" އޮންލައިނުން މިވީ 10 އަހަރުގެ ތެރޭގައި ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިފައެވެ. އެގޮތުން ރާއްޖޭގައި ހިންގަމުން އަންނަ މީޑިއާތަކުގެ ތެރެއިން އެއް ވަނަ މީޑިއާއަކީ އަދިވެސް "ވަގުތު" އޮންލައިނެވެ. މި މަގާމު "ވަގުތު" އޮންލައިނުން ދަމަހައްޓަމުން އަންނަތާ މިހާރު ވަނީ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައެވެ. ރާއްޖޭގައި މީހުން އެންމެ އާންމުކޮށް ވަންނަ ވެބްސައިޓުތަކުގެ ތެރެއިން ހަތް ވަނަ އަށް އެންމެ ގިނަ މީހުން ވަންނަ ވެބްސައިޓަކީ ވެސް "ވަގުތު"އެވެ.

"ވަގުތު" އޮންލައިނުން އަންނަނީ އެހެން މީޑިއާތަކާ ހިލާފަށް ތަފާތު އެކި ކަންކަން ކުރަމުންނެވެ. އެގޮތުން "ހޭރިޔާ" ނަމުގައި ރާއްޖޭގެ ރަށްރަށަށް ދަތުރުކޮށް، އެ ރަށްރަށުގައި ހުންނަ އެކި ކަންކަމާ ބެހޭ އާ މައުލޫމާތު ގެނެސްދެއެވެ. އޭގެއިތުރުން ރާއްޖޭގައި ބާއްވާ ބޮޑެތި އިންތިހާބުތަކުގެ ލައިވް ކަވަރޭޖާއި އިންތިހާބުތަކުގެ ނަތީޖާ ވަރަށް ތާޒާ ކަމާއެކީގައި "ވަގުތު" އޮންލައިނުން ވާނީ ފޯރުކޮށްދީފައެވެ.

ކިޔުންތެރިންގެ މެދުގައި އެންމެ ބޮޑު އިތުބާރެއް "ވަގުތު" އާ މެދު ހޯދާފައިވާ އެއް ކަމަކީ ވީހާވެސް އަވަހަކަށް މުހިންމު މައުލޫމާތުތައް ގެނެސްދޭ އޮންލައިނަކަށްވުމެވެ.

"ވަގުތު" އޮންލައިނުން ކާމިޔާބު ކަމާ އެކުގައި ކުރިއަށް ގެންދިޔަ އެންމެ މުހިންމު އެއް ކަވަރޭޖަކީ ފަލަސްތީނާއި އިސްރާއީލްއާ ދެމެދުގައި ކުރިއަށްދާ ހަނގުރާމައެވެ. ބައެއް ބޮޑެތި އިންތިހާބުތަކާ ދިމާކޮށް "ވަގުތު" އޮންލައިނުން ކުރިއަށް ގެންގޮސްފައި ވަނީ ވެސް ކާމިޔާބު ސާވޭތަކެކެވެ.

"ވަގުތު" އޮންލައިންގެ 10 ވަނަ އަހަރީ ދުވަހާ ގުޅިގެން ވަރަށް ގިނަ ބަޔަކު ވަނީ މަރުހަބާ ކިޔައިފައެވެ.