ދިރާސީ އާ އަހަރުގެ ކުރިން ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ފޮނުވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް މިއަދު ވިދާޅުވީ، ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ލަފާ ކުރެވޭ ގޮތުގައި ދިރާސީ އާ އަހަރު ފެށުމުގެ ކުރިން ސްކޫލުތަކަށް ހުރިހާ ޓެކްސްޓް ފޮތްތައް ފޮނުވޭނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ސްކޫލްތަކުގެ މަސައްކަތް ނިންމާ ޗުއްޓީއަށް ގޮސްފައިވާއިރު، 2023/2024 ގެ ދިރާސީ އަހަރުގެ ކިޔެވުން ނިންމާ ރިޕޯޓް ފޮތް ދީފައިވަނީ އޭޕްރިލް މަހުގެ 30 ވަނަ ދުވަހުއެވެ.

ބޮޑު ޗުއްޓީއަށް ފަހު 2024ގެ ސްކޫލް ކިޔެވުން ފެށޭނީ މެއި 26 ވަނަ ދުވަހެެވެ. އަދި ފުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 28 ވަނަ ދުވަހެވެ. އަދި ދެވަނަ ޓާމް އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު ފެށޭއިރު، ކުރިއަށް އޮތް ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ މާރިޗް 6ގައެވެ. މިހާރު ގެނެސްފައިވާ ބަދަލާއެކު 2025 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އޭޕްރިލް ހަ ވަނަ ދުވަހެވެ.

ދިރާސީ އާ އަހަރަށް އެޑިއުކޭޝަން މިނިސްޓްރީއިން ތައްޔާރުވަމުންދާއިރު، މިފަހަރު އާ އަހަރާއެކު ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭނެއެވެ. އެކަމަށް މިހާރު ޓީޗަރުން ދަނީ ތައްޔާރުވަމުންނެވެ.

އަންނަ އަހަރުގެ ރޯދަ މަސް ފެބްރުއަރީ 28ގައި ފެށޭއިރު، ސްކޫލް ބޮޑު ޗުއްޓީ ދެން ލިބޭނީ ރޯދަ މަހުގައި ކަމަށް އާ އެކަޑަމިކް ކަލަންޑަރުން ދައްކައެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން 2026 ވަނަ އަހަރުން ފެށިގެން ޖެނުއަރީ މަހު ފަށަން ސަރުކާރުން ނިންމާފައިވާއިރު، އަންނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ބޮޑު ޗުއްޓީ ޑިސެމްބަރުގައި ދިނުމަށް ވެސް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހާލުފޮޅި

    ދިރާސާ އެއް ނޫން.. ދިރާސީ

  2. އަނބު ތަޅާ

    މިދިޔަ އަހަރު ސްކޫލް ބަންދުވިއިރު ޓެކްޓު ފޮތްތައް ލިބިއްޖެ، 1 އަށް ދިޔަ ކުދިން ދިޔަ ސްކޫލާއި ކުލާސް ވެސް އެނގުނު. ނަމަވެސް މިފަހަރު އަދި އިއްޔެ ސްކޫލުން ފޮތްތައް ދޫކުރަން ފެށީ، އެވެސް ބައެއް ފޮތްތައް މަދުން! ސްކޫލް ހުޅުވެން 2 ދުވަހަށް ވީމައެއް ނޫން ފޮތްތައް ދޫކުރަން ޖެހެނީ، މީގެން ދޭޙަވަނީ މިނިސްޓްރީގެ ނާގާބިލް ކަން! ގްރޭޑް 1 އަށް ދިޔަ ކުދިންގެ ސްކޫލް އެނގުނީވެސް އެހާ ލަހުން....ދެން ބެލެނިވެރިންނަށް މިޖެހެނީ ތެޅިފޮޅެގެން އަގުބޮޑުކޮށް ނަމަވެސް ސްކޫލު ހުޅުވެންވާއިރަށް ޔުނީފޯމް ފަހަން! ކިހިނެތްތޯ ތިހަދަނީ؟ އަދި ކުރީ ސަރުކާރަށް ވުރެވެސް ސްޕީޑް ލަސްދޯ؟