ސްކޫލްތައް އޭސީ ކުރުމުގެ މަޝްރޫއު ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ސްކޫލުތައް ހުޅުވުމާއި ގުޅިގެން މިއަދު މިނިސްޓަރު ދެއްވި ހިތާބުގައި ވިދާޅުވީ، އުނގެނުމަށާއި އުނގަންނައިދިނުމަށް ކުރިމަތިވާ ހުރަސްތައް ނައްތާލައި އުފާވެރި ހިތްފަސޭހަ މާހައުލެއް ސްކޫލުތަކުގައި ގާއިމު ކުރުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަށް ގެންދާނެ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ކްލާސްތަކުގައި ދަރިވަރުން ތިބޭއިރު އިހުސާސް ކުރެވޭ ހޫނުމިނުގެ ދަރަޖަ މަތިވެ އެކަމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުން ތަހައްމަލުކުރަންޖެހޭ އުނދަގޫތަކަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ސްކޫލުތައް އޭސީ ކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ދާދި އަވަހަށް ފެށިގެން ކުރިއަށް ދާނެ ކަމަށެވެ.

ސަރުކާރުން ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ކުލާސް ރޫމުތަކުގައި އޭސީ ހަރުކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރު އިއުލާނުކުރެއްވީ މީގެ ދެ ހަފްތާ ކުރިންނެވެ.

މިނިސްޓަރު އޭރު ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ކޮމިއުނިޓީގެ އެހީތެރިކަމާއި އެކީ ސަރުކާރުގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމާނެ ކަމަށެވެ. ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު ފެށުމަށް ހަމަޖެހިފައިވާ އެ ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް މެއި މަހުގެ ފަހު ހަފްތާގައި އިފްތިތާހު ކުރާނެ ކަމަަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ސްކޫލްތަކުގެ ކުލާސްރޫމުތަކުގައި ހޫނު ގަދަވުމުގެ ސަބަބުން ކުދިންނަށް އުނދަގޫވެ ޔުނިފޯމް ހަޑިވާ ކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ. އެގޮތުން އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިުހާބު ބާއްވާފައިވާ ސްކޫލުތަކުގައި މަދު ވަގުތުކޮޅަކަށް މަޑުކުރި ބައެއް ފަރާތްތަކުން ވަނީ ކުލާސް ރޫމުތައް ހޫނުގަދަ ކަމުގެ ޝަކުވާ މީސް މީޑިއާގައި ފާހަގަކޮށްފައެވެ.

ބައެއް ސްކޫލްތަކުގައި ބެލެނެވެރިން އިސްނަގައިގެންނާއި ރަށްތަކުގެ ވިޔަފާރިވެރިންނާއި ޖަމިއްޔާ ޖަމާއަތްތަކުން އިސްނަގައިގެން ކުލާސްރޫމުތަކުގައި އޭސީ ހަރުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މިނިސްޓްރީ

    ޢޭސީ އެކަންޏެއްނޫން ހަރުކުރަންވީ. ބައެއްކުލާސްތަކުގަ އެބަހުރި މުށިނުޖަހާވެސް. ކުދިން އެބައާދޭ އެތަނުގަ ނަމާދުކޮއްގެން ދެކަކޫ މަށާލައިގެން. ލައިގެންހުންނަ ހަރުވާޅު ފޫދުއްވާލައިގެން. ހުރަވީ ސުކޫލުގަ ހަމަޔަގީނުންވެސް ބައެއް ކުލާސްތަކުގަ މުށިނުޖަހާ. އެކަންކުރަންވީނުން ފުރަތަމަ. ދެން ކޮންމެ ކުލާހަކަށް ލޮކަރު ނޫނީ ކަބަޑުތަކެއް ހޯދަދޭންވީ. ކުދިންތައް ގެންދާ ބަރުފޮތްތައް ކޮންމެދުވަހަކު އުފުލަންނުޖެހޭހެން އެކަބަޑުތަކައް ލާން. ދަބަސްއުފުލާބަޔަކު އަވަދިވަނީ. ދެކުދިން ގޮވައިގެންދާމީހާ ކިހާބުރަކޮށް އުޅެނީ. މިކަމަށް ހައްލެން ބޭނުންވޭ...