އާޓިފިޝަލް އިންޓަލިޖެންސް (އޭއައި) ބޭނުންކޮށް ކިޔަވައިދިނުމަށް މުދައްރިސުން ތަމްރީނު ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން މިއަދު ދެއްވި ހިތާބުގައި މިނިސްޓަރު ފާހަގަކުރެއްވީ، ޓެކްނޮލަޖީގެ ބޮޑު ބަދަލަކަށް ދުނިޔެ މިސްރާބު ޖަހާފައިވާ ކަމަށެވެ. އެހެންކަމުން، ތަރައްގީގެ މައިދާނުގައި ރާއްޖޭގެ މުސްތަގްބަލަށް މިއަދުގެ ޖީލު ބައްޓަން ކުރަންވާނީ ޓެކްނޮލަޖީއަށް އަހުލުވެރި ކޮށްގެން ކަމަށް ވިދާޅުވިއެވެ. އަދި މިއަދުގެ ޖީލަކީ އިސްލާމީ މަތިވެރި އަގުތައް އަށަގެންފައިވާ ބައެއްގެ ގޮތުގައި ބައްޓަން ކުރުން މުހިންމު ކަމަށް ވެސް ވިދާޅުވިއެވެ.

"އާޓިފިޝަލް އިންޓެލިޖެންސް ފަދަ ޒަމާނީ ޓެކްނޮލަކީ ބޭނުންކޮށްގެން އުނގެނުމާއި އުނގައްނައިދިނުން ހަރަދަނާ ކުރުމާއި މުދައްރިސުން އަހުލުވެރިކުރުވުމާއި ޝާމިލްކޮށްގެން އުނގައްނައިދިނުމުގައި އެސިސްޓިވް ޓެކްނޮލަޖީ ބޭނުންކޮށްގެން އުނގައްނައިދިނުމަށް މުދައްރިސުން އަހުލުވެރި ކުރުވުމަށް ހާއްސަ އިސްކަމެއް މި ދިރާސީ އަހަރުގެ ތެރޭގައި ދެވިގެންދާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ދަރިވަރުންނަށް އުނގެނުމުގެ މައިދާނުގައި ތަފާތު ރޮނގުތަކުން ކުރިއަށްދިއުމުގެ މަގު ތަނަސްވެފައި އޮންނަން ޖެހޭ ކަމަށެވެ. އެގޮތުން އިލްމީ ރޮނގުންނައި ކުޅިވަރުގެ ރޮނގުނާއި މަސައްކަތްތެރިކަމުގެ ރޮނގުން ކުރިއަށް ދެވޭނެ މަގު ތަނަވަސް ވެފައިވުމަކީ އެ ދަރިވަރުންނުގެ މުސްތަގްބަލަށާއި ގައުމުގެ ތަރައްގީއަށް ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ.

އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ކޮމްޕިއުޓަރުގެ ޒަރިޔާއިން އެކި ކުރެހުންތަކާއި އެކި ލިޔުންތައް ލިޔެވޭނެއެވެ. އަދި ބޭނުންވާ ކޮންމެ މައުލޫމާތެއް ހޯދުމަށް ވެސް އާޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ހިފޭނެއެވެ. މީގެ ސަބަބުން އެކަންކަމަށް އިންސާނުން ހޭދަކުރާ ވަގުތު މަދުވެ ވަގުތު ސަލާމަތްވެގެން ދެއެވެ.