ރާއްޖޭގައި ދަނޑުވެރިންނާއި ދަނޑުވެރިކަން ކުރިއަރުވަން މަސައްކަތް ކުރާ ޒުވާނުންނާއި އަންހެނުންނަށް އަމާޒުކޮށްގެން "ދަނޑުވެރި މަންފާ" ސްކީމް އިއުލާނުކޮށް، އެ ސްކީމަށް ކުރިމަތިލުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ދޭން ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރޭތަކެއްޗާ ބެހޭ ވަޒީރު އައިޝަތު ރަމީލާ ވިދާޅުވީ، ދަނޑުވެރިންނަށް ފައިދާވާނެ ގޮތަށް ކަންތައްތައް މަގުފަހިކޮށްދިނުމާއި، ދަނޑުވެރިިކަން ކުރިއެރުވުމަށްކުރާ ކަންތައްތަކަކީ ވަރަށް އިސް ދައުރެއް އަދާ ކުރާ ކަންތައްތައް ކަމަށެވެ.

މި މަސައްކަތުގެ ތެރެއިން މިއަދު ހުޅުވާލާ ގްރާންޓްސް ސްކީމަކީ އެ ވުޒާރާ އާއި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް)އާ ގުޅިގެން ކުރިއަށްގެންދާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މި އަހަރު އޭޕްރިލް ވެވުނު އެއްބަސްވުމުގެ ދަށުން 15 މިލިއަން ރުފިޔާގެ މެޗިންގ ގްރާަންޓް ސްކީމެއް ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ސްކީމް ކުރިއަށް ގެންދަނީ މެޕްގެ ހަރަކާތްތައް ކުރިއަށްގެންދާ ހއ. ހދ. އަދި ށ. އަތޮޅުގެ ތެރެއިން ހޮވާލެވިފައިވާ 26 ރަށުގެ ދަނޑުވެރިންނަށާއި، ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ކޯޕްރޭޓިވް ސޮސައިޓީތަކަށެވެ.

މި ސްކީމްގެ ފުރަތަމަ ބުރު ހުޅުވާލަން ނިންމާފައި ވަނީ ދަނޑުވެރި ޕްރޮޑަކްޝަން ނުވަތަ ދަނޑުވެރި ތަކެތި އުފެއްދުމަށެވެ. މިގޮތުން މިއީ ހައިޑްރޯފޯނިކް ސިސްޓަމް އުފެއްދުން ފަދަ ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން ދަނޑުވެރިކަން ކުރުމަށް ހުޅުވާލި ހުޅުވާލުމެއް ކަމަށް ވަޒީރު ރަމީލާ ވިދާޅުވިއެވެ.

ރަމީލާ ވިދާޅުވީ، މި ސްކީމްގެ ކުރިއަށް ހުރި ބުރުތަކުގައި ދަނޑުވެރިކަމުގެ ކަންތައްތަކާއި ގުޅުން ހުންނަ ޕެކޭޖިންގ ލޮޖިސްޓިކްސް އިންޕުޓް ސަޕްލައި ކޯލްޑް ސްޓޯރޭޖްތައް ގާއިމް ކުރުމަށް ހުޅުވާ ލެވޭނެ ކަަމަށެވެ.

އަދި މި ސްކީމަށް ހުށަހެޅޭ އެޕްލިކޭޝަންތައް ވަޒަން ކުރުމުގައި އަންހެނުންނާއި ޒުވާނުންނަށް ހާއްސަ އިސްކަމެއް ދޭން ނިންމާފައިވާ ކަމަށް ރަމީލާ ވިދާޅުވިއެވެ.

މި ސްކީމަށް ހުށަހަޅާނީ އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ޕޯޓަލް މެދުވެރިކޮށެވެ. މި ސްކީމަށް ކުރިމަތިލުމަށް ޖޫން 24 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަސް ދޭނެއެވެ. އިއުލާން ކުރަތާ އެއް މަސް ދުވަހުގެ މުއްދަތެއް އެޕްލިކޭޝަން ހުށަހެޅުމަށް ދީފައި ވަނީ މި ސްކީމަކީ ފުރަތަމަ ހުށަހަޅާ އެޕްލިކޭޝަންތަކަށް ފުރަތަމަ ގްރާންޓް ދޫކުރާ ގޮތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަށް ވުމުން، ބޭނުންވާ ހުރިހާ ލިޔެކިޔުންތައް ތައްޔާރު ކުރުމަށް ފުރުަތު ދިނުމަށެވެ.

ދިރޭތަކެއްޗާ ބެހޭ ވަޒީރު އައިޝަތު ރަމީލާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ - ވަގުތު އިމޭޖްސް: އާދިން މޫސާ ލަތީފް

މެޕްއަކީ އިފާޑާައި ދިވެހި ސަރުކާރާއި ގުޅިގެން ހއ، ހދ އަދި ށ އަތޮޅުގެ 26 ރަށެއްގައި ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ. މިގޮތުން 26 ރަށުގައި އެރަށުގެ ދަނޑުވެރިން ހިމަނައިގެން އައިލެންޑް ފާރމާ ފޯރަމް ގްރޫޕްތަކެއް ގާއިމްކޮށް އެފަރާތްތަކަށް ދަނޑުވެރިކަމާއި އަދި ގުޅުންހުރި ދާއިރާތަކުން ތަމްރީނާއި މަޢުލޫމާތު އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

މި ޕްރޮޖެކްޓްގެ މައިގަނޑު އެއް މަސައްކަތެއްގެ ގޮތުން 12 ރަށެއްގައި ގްރީންހައުސް އަޅައިގެން ކޮކޯޕީޓްގައި ކިއުކަމްބާ އަދި މެލަން ހައްދާނެގޮތުގެ ޓެކްނިކަލް ތަމްރީން ޕްރޮގްރާމްތަކެއް މިހާރުވެސް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. މީގެ ބޭނުމަކީ ކްލައިމެޓް ސްމާރޓް އަދި ދެމެހެއްޓެނިވި ދަނޑުވެރިކަން ކުރިއަރުވާ ޒަމާނުއްސުރެ ދަނޑުވެރިކަން ކުރަމުން އަންނަގޮތަށްވުރެ ރަނގަޅު އަދި ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމަށް ދަނޑުވެރިންގެ މެދުގައި ޝައުގުވެރިކަން އުފައްދާ އަދި އަހުލުވެރިކުރުވުން ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

އަދި މި ޕްރޮޖެކްޓުން މިކުރާ މަސައްކަތުން ކުރެވޭ އުންމީދަކީ ދަނޑުވެރިކަމުގެ ސިނާއަތު މިހާރަށްވުރެ ފުޅާވެ ޒަމާނީ ދަނޑުވެރިކަމަށް ޝައުގުވެރިވާ ޒުވާނުން އިތުރުވެގެން ދިއުން ކަމަށް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޒާ

    ކިހާ ރަނގަޅު. އެއީ ކަލޭމެނަށް ވޯޓުދިން ހަމައެކަނި ބަޔަކީ. ޤާނޫނު އަސާސީގައި ބުނާ ހަމަހަމަކަން އެކުލެވޭ ގޮތަށްތޯ ވިޔަފާރިކުރުމުގެ ހައްގު ތި ހާމަކުރީ. ލަދުކޮބާ؟ ކޮބާ ހަމަހަމަކަން؟

  2. Anonymous

    ވޯޓު ހޯދަންވީމަ ހުރިހާ ރައްޔިތުން....