ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރެއްވި ޕީއެންސީ ކެނޑިޑޭޓް ފަރުހަތު މުހައްމަދުގެ ޖަގަހައިގައި އަލިފާން ރޯކޮށްލި މައްސަލައިގައި ހައްޔަރު ކުރި މީހާ ބަންދުން ދޫކޮށްލައިފިއެވެ.

އެ ދާއިރާގެ ގޮނޑި ނެގީވެސް ފަރުހަތެވެ.

ކުޅުދުއްފުށީގެ ކެމްޕެއިން އޮފީހެއްގައި އަލިފާން ރޯވި މައްސަލައެއް ފުލުހަށް ހުށަހެޅީ އެޕްރީލް 16 ވަނަ ދުވަހެވެ.

މި ހާދިސާ ހިނގާފައި ވަނީ 15 ވަނަ ދުވަހުގެ ރޭ ދަންވަރެވެ.

މި މައްސަލައިގައި ހައްޔަރުކުރީ އެރަށަށް ނިސްބަތްވާ 31 އަހަރުގެ ފިރިހެނެކެވެ. އޭނާގެ މައްޗަށް ކުރަނީ ގަސްދުގައި އަލިފާން ރޯކޮށް މުދަލަށް ބޮޑެތި ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތެވެ.

މިމައްސަލައިގައި ފުލުހުން އަންވަރު ހައްޔަރުކޮށްފައި ވަނީ ރާއްޖޭން ބޭރަށް ފުރަން ދާން އެއާޕޯޓަށް ގޮސް ހުއްޓައެވެ. މިމައްސަލައިގައި އޭނާ ހައްޔަރު ކުރުމަށްފަހު، ދެ ފަހަރެއްގެ މަތިން އޭނާގެ ބަންދަށް މުއްދަތު ޖަހާފައި ވެއެވެ.

އިއްޔެ ބަންދުގެ މުއްދަތު ޖަހަން އޭނާ ގެންދިއުމުން ކްރިމިނަލް ކޯޓުން ވަނީ ޝަރުތު ކުރުމަށްފަހު އޭނާ ދޫކޮށްލަން ނިންމަފައެވެ.

އޭނާއާ ގުޅޭ މީގެ ކުރިންގެ ކޯޓު އަމުރުގައި ބުނާގޮތުން އަންވަރަށް ލިބިފައިވާ ޒަހަމްތަކަށް ފަރުވާ ހޯދުމަށް ކުޅުދުއްފުށީގައި ރަނގަޅު ފެންވަރެއްގެ ހޮސްޕިޓަލެއް ހުރިއިރު އެހެން ރަށަކަށް ގޮސް އޭނާ ވަނީ ފަރުވާ ހޯދާފައެވެ. އަދި ކޯޓަށް ހާޒިރުވުމަށް އަންގާ ޗިޓް ފޮނުވުމުންވެސް ހާޒިރުނުވާ ކަމަށާއި މައްސަލައަށް ފިލައިގެން ރާއްޖެއިން ބޭރަށް ދާން ގޮސް ހުއްޓައި ހައްޔަރުކުރެވިފައިވާ ކަމަށް އައިއޯ ބުނެފައިވެއެވެ.

އޭނާއާ ގުޅޭގޮތުން އިއްޔެ ނެރުނު ބަންދު އަމުރުގައި ބުނެފައި ވަނީ އޭނާ ފިލައިގެން ދިއުމަށް މަސައްކަތް ކޮށްފައިވާކަަމަށް މިހާރު ފުލުހުންނަށް ނުބެލެވޭ ކަމަށާއި، އަދި ކުށުގެ އަމަލު ހިނގާފައިވާ ގޮތަށް ބަލާއިރު، އޭނާ ޝަރުތު ކުރުމަށްފަހު ބަންްދުން ދޫކޮށްލުމަށް ފުލުހުން އެދޭ ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ތަހުގީގަށް އެއްބާރުލުން ދިނުމުގެ ޝަރުތަށް އެއްބަސްވާ ކަަމަށް އޭނާ ބުނެފައިވާތީ ބަންދުން ދޫކޮށްލީ ކަމަށްވެސް ބުނެފައި ވެއެވެ.

ފަރުހަތުގެ ކެމްޕެއިން އޮފީހުގައި އަލިފާން ރޯކުރާ ވީޑިއޯއެއް މީސް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

މި ވީޑިއޯއިން ފެންނަނީ ވިއްސާރަ ކޯޓް ލައި, މޫނު ނިވާކޮށްގެން ތިބި ދެ މީހަކު ރޭ 3:49 ގައި ކެމްޕެއިން އޮފީހަށް ވަދެ އަލިފާން ރޯކޮށްލާފައި ދާ ތަނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ﷲ ދެއްވެވި ދެވަނަ ފުރުޞަތެއް

    ދޮންކަލޯ ދެން ރަނގަޅަށް އުޅެއްޗެވެ! ކޮންމެސް ކޮންމެސް، ޤަޞްތުގައި ހަމަ އެކަކަށް ވެސް ކުޑަވެސް ގެއްލުމެއް ނުދެއްޗެވެ! ނަމާދު އަދާކޮށް ހެޔޮ ޢަމަލު ކުރުމުގައި ދެމިހުންނާށެވެ! އޭރުން ނުވެސް ދަންނަ އަހަރެންފަދަ މީހުންގެ ހެޔޮ ދުޢާ ލިބޭނެ އެވެ.