މީޑިއާ ވިލެޖްގައި މަސައްކަތް ނިމިގެންދާއިރު ނޫސްވެރިކަން މުޅިން އެހެން މިސްރާބަކަށް ބަދަލުވެގެންދާނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު، އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަސްވާޑު ވިދާޅުވީ މީޑިއާ ވިލެޖްގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އަދި މީޑިއާ ވިލެޖް އެޅުމުގެ ކަރުދާހަށް ކެބިނެޓްގެ ރުހުން ލިބި ފާސްވެފައިވާ ކަމަށް ވިދާޅުވިއެވެ.

މީޑިއާ ވިލެޖް އެއްކޮށް ނިމިގެން އަންނައިރު ޓީވީ ސްޓޭޝަންތަކަށް ޖާގަ ތަނަވަސް ތަނެއް ހަމަޖެހިގެންދާނެ ކަމަށާއި ރަނގަޅު ފެންވަރުގެ ސްޓޫޑިއޯތައް ޤާއިމުކުރެވޭނެ މަގު ވެސް ފަހިވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ދެ ސައިޒެއްގެ ނުވަތަ ތިން ސައިޒެއްގެ ސްޓޫޑިއޯތައް ހެދޭނެ ވަރަށް އަޅުގަނޑުމެން މިހާރު ކުރެހުންތައް ތައްޔާރު ކުރަމުން މިދަނީ، ކުދި ސައިޒޭ މި ދަންނަވާ ސައިޒަކީ ވެސް އަމިއްލަ ޕްރައިވެޓް ޓީވީ ސްޓޭޝަންތަކަށްވުރެން ޖާގަ ބޮޑުވާނެ، އަދި ނޫސްތައް ހިންގާ ފަރާތްތަކަށް ވެސް ޖާގަ ހަމަޖެހިގެންދާނެ. އެހެން ބޭފުޅުންނަށް ވެސް އައިސް ސްޓޫޑިއޯ ބޭނުންކުރެވޭ ގޮތަށް ހުންނާނެ ކަމަށް،". ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާވާފައިވަނީ ނޫސް ކޮންފަރެންސްތައް ވެސް މީޑިއާ ވިލެޖްގައި ބާއްވާ ގޮތަށް ކަމަށާއި ފައިބަރ އެޅިފައި ހުންނާނެ ކަމަށެވެ. އަހަރީ އާންމު ޖަލްސާތަކާއި ޕްރައިވެޓް ބައްދަލުވުންތައް ވެސް އެތަނުގައި ބޭއްވޭނެ ކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ކޮފީ ބޯނެ ތަނަކާއި ނޫސްވެރިންނަށް ޖިމެއް ވެސް މީޑިއާ ވިލެޖްގައި ޤާއިމުވެގެންދާނެ ކަމަށް އަސްވާޑު ވިދާޅުވިއެވެ.

މީޑީއާތައް ހިންގުމަށް ދައުލަތުން ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް މުއިއްޒު ވަނީ މީގެ ކުރިން ނިންމާފައެވެ. މި އަހަރުގެ ބާކީ ހަރަދުތައް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅި 6.5 ބިލިއަން ރުފިޔާގެ ބަޖެޓުގައިވެސް މީޑިއާތަކަށް 6.5 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.

ސަރުކާރުން ބުނާގޮތުން ހަބަރާ މައުލޫމާތު ފޯރުކޮށް ދެއްވުމުގައި މީޑިއާތަކުގެ މެދުގައި ތަފާތެއް ނުކުރައްވާނެއެވެ. އަދި މީޑިއާތަކުގެ 'ބްލެކް ލިސްޓެއް' މި ސަރުކާރަކުން ނުގެންގުޅުއްވާނެ ކަމަށް ވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

މީޑިއާތަކުގެ ކުރިއެރުމަށް ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދެއްވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުތަކުގައި ހިމެނޭ މީޑިއާ ވިލެޖް ގާއިމުކުރުމާއި، މީޑިއާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުން ފަދަ ހުރިހާކަމެއްވެސް ސަރުކާރުން ހާއްސަ ސަމާލުކަމަކާއެކު ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ވެސް ސަރުކާރުން ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އެތާ ދޯ ދިރިއުޅޭނީ ވެސް!

    އޭރަށް ވަރަށް ގިނަ ދިވެހިން ނޫސްވެރިކަމަށް ވެސް ޝައުޤުވެރިވާނެ ކަމަށް ބެލެވެއެވެ.

  2. ފާޒް

    ވިލެޖެއް ނެތިގެން ނޫސްވެރިކަން ކުރި ނާރަނީ. ވިލެޖު ހަދާލާއިރަށް ތިބޭނީ ކުރިއަރާފަ.

  3. ޖުހާ

    މިހާރުވެސް ބާރު ގަދަ ސިޔާސީ ލީޑަރުން މީޑިއާ ބޭނުން ގޮތަކަށް މިސްރާބު ބަދަލުކުރޭ. ތިބުނަނީ އަދި އެއައްވުރެ ކުރީގައޭތަ މީޑިއާއޮންނާނީ... ރަނގަޅު ތެދު އެންމެ ޚަބަރެއްވެސް ނުގެނެސްދޭތި...