ރާއްޖޭގެ ގައުމީ އަރުޝީފް އާއި ސައުދީ އަރަބިއްޔާގެ ގައުމީ އަރުޝީފްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ނިންމާފައިވާ ކަމަށް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޔޫތު މިނިސްޓްރީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލް ލަތީފް އަހުމަދު ވިދާޅުވީ އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ މި މަހުގެ 27 ގައި އެއްބަސްވުމުގައި ސައުދީއާއެކު ސޮއިކުރެއްވުމަށް ކަމަށެވެ. ނަމަވެސް އެ ބޭފުޅުންނަށް ވަޑައިގެންނެވެން ނެތުމުން އެއްބަސްވުމުގައި ސޮއިކުރުމުގެ ކަންތައްތައް މަޑުޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް ޖޫން މަހުގެ ކުރީ ހަފްތާގައި އެބޭފުޅުން ރާއްޖެ ވަޑައިގަންނަވާނެ ކަމަށާއި އޭރުން ރާއްޖޭގެ ގައުމީ އަރުޝީފް އާއި ސައުދީ އަރަބިއްޔާގެ ގައުމީ އަރުޝީފްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރެވިގެންދާނެ ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވިއެވެ.

ސްޓޭޓް މިނިސްޓަރު ވިދާޅުވީ އެއްބަސްވުމުގެ ބޭނުމަކީ ތަމްރީނު ޕްރޮގްރާމުތަކާއި މުހިންމު އާކައިވް ކުރެވިދާނެ ކަންތައްތައް ފާހަގަކޮށް، ދެމެހެއްޓެނެވި ގޮތެއްގައި އާކައިވް ކުރެވޭނެ ގޮތްތައް ކަނޑައެޅުން ކަމަށެވެ.

"އެއްބަސްވުމުގެ ދަށުން ގިނަ ކަންތައްތަކެއް ކުރެވިގެންދާއިރު ވަރަށް ރަނގަޅު ފެށުމެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ" އަބްދުލް ލަތީފް އަހްމަދް ވިދާޅުވިއެވެ.

ރާއްޖޭގެ ގައުމީ އަރުޝީފް އާއި ސައުދީ އަރަބިއްޔާގެ ގައުމީ އަރުޝީފްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރަން ނިންމާފައިވާއިރު ޔޫތު މިނިސްޓްރީން ވަނީ ގިނަ މަސައްކަތެއް މިއަހަރު ކުރަން ނިންމައިފައެވެ.

އެގޮތުން މިހާރު ރާއްޖޭގައި ހިންގަމުންދާ ޔޫތް ސެންޓަރުތައް ހުރީ އެންމެ ކުރީ މޮޑެލްގައި ކަމަށާއި، އާ ޔޫތް ސެންޓަރުތައް ވެގެން ދާނީ ދިވެހި ޒުވާނުން އެދޭ ފެންވަރުގައި ގާއިމް ކުރެވިގެންދާ ތަންތަނަށް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު، އިބްރާހިމް ވަހީދު (އަސްވާޑް) ވަނީ ދާދިފަހުން ވިދާޅުވެފައެވެ.

އަސްވާޑް ވިދާޅުވީ ރާއްޖޭގައި ރަނގަޅަށް ފުލީ ފަންޝަން ކުރާ ޔޫތް ސެންޓަރެއް ނެތޭ ދެންނެވިދާނެ ކަަމަށެވެ. އެފަަދަ ތަންތަން ހުރީ އެންމެ ކުރީ ޒަމާނުގެ މޮޑެލްގައި ކަމަށާއި، އެތަންތަނުގައި މިހާރު ރާއްޖޭގެ ޒުވާނުން ކުޅެ ހަދަ އަދި މުނުފޫހިފިލުވަން ބޭނުންވާ އެންމެ ރަނގަޅު ވަސީލަތްތައް ނެތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިވަގުތު ޔޫތް ސެންޓަރެއްގައި އެންމެ ބޭފުޅަކު ހުރި ކަމުގައިވިޔަސް، ރަނގަޅު ފެސިލިޓީސްތާއެކު އަލުން ޔޫތް ސެންޓަރުތައް ގާއިމް ކުރެވިގެންދާނީ ރަނގަޅު ވަޒީފަތަކާ ވެސް އެކުގައި ކަމަށެވެ.

އަދި އެ ވަޒީފާތަަކަކީ ދާއިމީ ވަޒީފާތަކަކަށް ވެގެން ދާއިރު، ޒުވާނުންނާއި އެއްކޮށް މަސައްކަތް ކުރެވި، ރަނގަޅު ޖީލެއް ގާއިމް ކުރުމަށްޓަކައި މި ސެންޓަރުތައް ބަދަލުވެގެން ދާނެ ކަމަށް ޔަގީން ކުރެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވައްހާބު

    އިންޑިޔާގެ ހިންދުތްވާ އަށްތުރެ ނުރައްކާ ބައެއް ސައުދީންނަކީ!

  2. Anonymous

    ތިއުޅެނީ ކުޅިވަރު ސެންޓަރުގައި ކަރޯކޭ ނެތިގެންތޯ !