މަސައްކަތްކުރާ ސައިޓުތަކާއި އާންމުން ދިރިއުޅޭ ތަންތަނުގައި ރައްކާތެރިކަން ކަށަވަރުކުރުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޑީސީން ވިދާޅުވީ މި ދުވަސްވަރަކީ މޫސުން ގޯސް، ވިއްސާރަ އަދި ވައިގަދަ ދުވަސްވަރަކަށް ވާތީ ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމުގެ ގޮތުން ހުޅުމާލޭގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ސައިޓްތަކުގައި ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަން ފުރިހަމަކުރުމަށް ހުރިހާ ކޮންޓްރެކްޓަރުންނަށާއި އާންމު ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ދިމާވެދާނެ ނުރައްކަލަކުން ރައްކާތެރިވުމަށް ހާއްސަ ސަމާލުކަމެއް ދީގެން ކުރިއަށް ދިއުމަށް އެޗްޑީސީން އެދެއެވެ.

އެގޮތުން ކޮންސްޓްރަކްޝަން ސައިޓުތަކުގެ ވަށައިގެން ޖަހާފައިވާ ސޭފްޓީ ނެޓް އަދި ޓިނު ފަދަތަކެތި ރަނގަޅަށް ހަރުކޮށްފައިވޭތޯ ބެލުމަށާއި ބެލްކަނިތަކާއި ޓެރެސް ފަދަ ތަންތަނުގައި ބަހަށްޓާފައިވާ އާންމުންނަށް ގެއްލުންވާ ފަދަ ތަކެތި ނެގުމަށް އެޗްޑީސީން އިލްތިމާސްކޮށްފައިވެއެވެ.

އަދި ބޭރަށް ހުޅުވޭ ގޮތަށް ހުރި ފެން ލައިޓާއި ދޮރު ފަދަ ތަންތަނުން ގޭތެރެއަށް ފެން ނުވަންނާނެ ގޮތަށް ބަންދު ކުރުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

އެޗްޑީސީން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދީގެން، ކޮޅިގަނޑުގެ ތެރޭގައި ކުރިމަތިވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު