ހުޅުމާލޭގައި ދިވެއްސަކަށް ހަމަލާދިން ބިދޭސީ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީ ލަންސިމޫ މަގުގައި ބިދޭސީއަކު ދިވެއްސަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމަށް މިއަދު ހަވީރު ރިޕޯޓްކޮށްފައިވާ ކަމަށާއި އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދީފައިވާ ކަމަށެވެ. އަދި މި މައްސަލައިގައި އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ހަމައެއާއެކު ހަމަލާ ދިން މީހާގެ އަތް ޒަޚަމްވި ނަމަވެސް ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

މަންޒަރު ދުށް ފަރާތަކުން ބުނީ އިންޑިއާ މީހާ ހަމަލާ ދިނީ މެދު އުމުރުގެ ދިވެއްސަކަށް ކަމަށާއި މަންޒަރު ބަލަންތިބި މީހުންގެ ތެރެއިން ބަޔަކު ފުލުހުންނަށް ގުޅާފަ މައްސަލަ ރިޕޯޓްކުރި ކަމަށެވެ. ނަމަވެސް މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ސާފެއް ނުވިއެވެ.