ރާއްޖޭގެ މޫސުން ގޯސްވުމާ ގުޅިގެން ރަށް ރަށަށް ފޮތްތައް ފޮނުވުމުގައި އެޑިއުކޭޝަން މިނިސްޓްރީން ފުލުހުންގެ އެހީ ހޯދައިފިއެވެ.

އަންނަ އާދިއްތަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު ސްކޫލްތައް ހުޅުވުމުގެ ކުރިން ފޮތްތައް ރަށްތަކަށް ފޮނުވާލުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން ދަނީ ކުރަމުންނެވެ. މި ދުވަސްކޮޅު ރާއްޖޭގެ މޫސުން ވަރަށް ބޮޑަށް ގޯސްވެ ދަތުރު ނުކުރުމަށް އަންގާފައިވާތީ ފޮތްތައް ފޮނުވުމަށް ހުރަސްތަކެއް ދިމާވެފައިވާތީ، މިނިސްޓްރީން ދަނީ ފުލުހުން މެދުވެރިކޮށް ރަށްރަށަށް ފޮތްތައް ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ފުލުހުންގެ އެހީ އަށް މިއަދު މިކަމުގައި އެދުމުން ފޮތްތައް ރަށްރަށަށް ގެންދިއުމުގެ މަސައްކަތް މިހާރު ކަނޑުމަގުން ކުރިއަށްދާ ކަމަށެވެ. ފުލުހުން މިހާރު ވަނީ ފޮތްތައް ރަށްރަށް ގެންދިޔުމުގެ މަސައްކަތް ފަށައިފައެވެ.

ދިރާސީ އާ އަހަރާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިފަހަރު އާ އަހަރާއެކު ގައުމިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭނެއެވެ. އެކަމަށް މިހާރު ޓީޗަރުން ދަނީ ތައްޔާރުވަމުންނެވެ.

ދިރާސީ އާ އަހަރު މެއި 26 ގައި ފަށަން ނިންމާފައިވާއިރު ފުރަތަމަ ޓާމުގެ ކިޔެވުން ނިމޭނީ ސެޕްޓެމްބަރު 28 ވަނަ ދުވަހެވެ. އަދި ދެވަނަ ޓާމް އޮކްޓޯބަރު މަހުގެ ހަ ވަނަ ދުވަހު ފެށޭއިރު، ކުރިއަށް އޮތް ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ އަންނަ އަހަރުގެ މާރިޗް 6 ގައެވެ. މިހާރު ގެނެސްފައިވާ ބަދަލާއެކު 2025 ވަނަ އަހަރުގެ ކިޔެވުން ފެށޭނީ އޭޕްރިލް ހަ ވަނަ ދުވަހެވެ. ސްކޫލް ބޮޑު ޗުއްޓީ ދެން ލިބޭނީ ރޯދަ މަހުގައި ކަމަށް އާ އެކަޑަމިކް ކަލަންޑަރުން ދައްކައެވެ. އަދި 2026 ވަނަ އަހަރު ދިރާސީ އައު އަހަރުގެ ކިޔެވުން ކުރިޔެކޭ އެއްގޮތަށް ޖެނުއަރީގައި ފެށޭނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙެހެހ

    1 މަސް ލިބުންއިރު ވީވަރަކީ ތީތޯ ، ކަނޑުގަދަޔަސް ، އުދުހޭ އުޅަނދުތަކުގައިވެސް ފޮނުވޭނެދޯ !!
    ކީއްކުރާނީ މިސަރުކާރުގައި ތިބި އަލަށް ސަރުކާރު ހިންގަން ދަސްކުރާ ކުދިން ވިއްޔާ ، ތަމްރީން ލިބުނީމަ ރަނގަޅުވާނެ އަދި !!!!

    3
    3