ވިހި ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕާލަމަންޓްރީ ގްރޫޕް (ޕީޖީ) ގްރޫޕްގެ ލީޑަރަކަށް އިބްރާހިމް ފަލާހްގެ ނަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުށަހަޅުއްވައިފިއެވެ.

ރައީސް ޑރ. މުއިއްޒު މި ނަން ހުށަހެޅުއްވީ މުލިއާގޭގައި މިއަދު ހަވީރު ބޭއްވި ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިހަށް އިންތިހާބުވި ގިނަ އަދަދެއްގެ މެމްބަރުންނާއި ސަރުކާރުގެ އެކިއެކި މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ މަޖިލިހުގެ ރައީސް ކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) އަދި ނައިބު ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެމްބަރު އަހުމަދު ނާޒިމްގެ ނަން ވެސް ހުށަހަޅުއްވައިފައެވެ.

އަދި ޕީއެންސީގެ ޕީޖީ ލީޑަރަށް ފަލާހްގެ ނަމާއި ސީނިއާ ޑެޕިއުޓީ ޕީޖީ ލީޑަރަށް ބާރަށު ދާއިރާގެ އިންތިހާބީ މެމްބަރު އިބްރާހިމް ޝުޖާއުގެ ނަން ވެސް ހުށަހެޅުއްވިއެވެ.

ޑެޕިއުޓީ ޕީޖީ ލީޑަރަކަށް ރައީސް ހުށަހެޅުއްވި ނަންތަކަކީ:

މުހައްމަދު އިސްމާއީލް - ވިލިމާލެ ދާއިރާގެ އިންތިހާބީ މެމްބަރު
އަހުމަދު ތޯރިގް - މަހިބަދޫ ދާއިރާގެ އިބްތިހާވީ މެމްބަރު
މުހައްމަދު ޝާހިދު - އައްޑޫ ހުޅުދޫ ދައިރާގެ އިބްތިހާބީ މެމްބަރު

މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން މި ހުރިހާ ނަންތަކެއް ވެސް ވަނީ ފާސްވެފައެވެ.

ފަލާހަކީ 18 ވަނަ މަޖިލިހުގައި އިނގުރައިދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި ބޭފުޅެކެވެ. އެކަމަކު، 19 ވަނަ މަޖިލިސް އިންތިހާބުގައި އޭނާ އަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތެވެ. އޭގެ ފަހުން އޭނާ ސިޔާސީ ދާއިރާ އާ ދުވަސްކޮޅަކުން ދުރަށް ޖެހިވަޑައިގަތުމަށް ފަހު، އަލުން ޕީޕީއެމް/ޕީއެންސީއާ ގުޅިވަޑައިގެންނެވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައެވެ. ފަލާހް އަކީ ރައީސް ޑރ. މުއިއްޒު އެންމެ އިތުބާރު ކުރައްވާ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ފަލާހަކީ 20 ވަނަ މަޖިލިހުގެ އިންތިހާބުގައި އިނގުރައިދޫ ދާއިރާ އަށް ވާދަކުރައްވަން ނިންމަވައި އެންމެ ފުރަތަމަ ކެމްޕެއިން ފެއްޓެވި ބޭފުޅެވެ. އޭނާ ޕީއެންސީ ޓިކެޓުގައި ނުކުންނަވައި އިންތިހާބު ކާމިޔާބު ކުރެއްވިއިރު، ޕީއެންސީ ޓިކެޓު ލިބިވަޑައިގަތީ އެ ޕާޓީގެ ޕްރައިމަރީ ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ. ފަލާހަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ކެމްޕެއިންގައި ވެސް މުޅި ރ. އަތޮޅުގެ ކެމްޕެއިންގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅާއެވެ.

ހުޅުމާލެ ދާއިރާގެ ކައުންސިލަރުކަން ވެސް ކުރައްވާ ޝުޖާއުއަކީ ރައީސް ޑރ. މުއިއްޒު، މާލެ ސިޓީގެ މޭޔަރަކަށް ހުންނެވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި އެމަނިކުފާނާ އެންމެ ގާތުން މަސައްކަތް ކުރެއްވި އެއް ކައުންސިލަރެވެ. ޝުޖާއު ވަނީ 18 ވަނަ މަޖިލިހުގައި ވެސް ބާރަށު ދާއިރާގެ މެމްބަރުކަން ކުރައްވައިފައެވެ. މީހުންނާ ގުޅޭ ހިތް ހެޔޮ މިޒާޖެއްގެ ވެރި ޝުޖާއުއަކީ މިފަހަރުގެ މަޖިލިސް އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯއްދެވި ބޭފުޅެވެ. މަޖިލިސް އިންތިހާބުގައި އޭނާ ވަނީ 2،400 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިފައެވެ.

ޕީއެންސީގެ ނައިބު ރައީސް ކަން ވެސް ކުރައްވާ ޝުޖާއަކީ ޕްރައިމަރީއަކާ ނުލައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓު ހޯއްދެވި 13 ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެވެ. އޭނާއަކީ ވެސް ރައީސް ޑރ. މުއިއްޒުގެ ވަރަށް އަރިސް ބޭފުޅެކެވެ.