ރާއްޖޭގައި ތިބި އިސް ރަށްވެހިންނަށް އަމާޒުކޮށް ދީނީ ޕްރޮގްރާމްތަކެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެ ޕްރޮގްރާމް ހިންގުމަށް އިސްރަށްވެހިންގެ ނާދީ އިން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މަޝްވަރާކުރެއްވުމުގެ ބައްދަލުވުމެއް މިއަދު ބޭއްވި ކަމަށެވެ.

އެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ފަހު ދީނީ ޕްރޮގްރާމްތަކެއް ނާދީގައި ކޮންމެ މަހަކު ވެސް ކުރިއަށް ގެންދިއުމަކީ ވަރަށް އެދޭކަމެއް ކަމުގައި ފާހަގަކޮށް ކޮންމެ މަހަކުވެސް ދީނީ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ނާދީއިން މިނިސްޓްރީއަށް ހުށަހެޅި ކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވީ އެ ވުޒާރާގައި ބޭއްވި އެ ބައްދަލުވުމުގައި ދެފަރާތުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވި ކަމަށަވެ. އެ މަޝްވަރާގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައިވަނީ ކުރިއަށް ގެންދާނެ ޕްރޮގްރާމްތަކާއި ކޮންޓެންޓާއި މަގްސަދުތަކާ ބެހޭގޮތުން ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އެގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިސްކަމެއް ދީގެން ކުރިއަށްގެންދާ "ރިސާލަތު" ޕްރާގްރާމާއި، ސުވާލާއި ޖަވާބު ސެޝަންތައް، ދީނީ ކުއިޒް މުބާރާތް، ގުރްއާން މުބާރާތް ފަދަ ދީނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކުރާނެކަމަށް ނާދީއިން ފާހަގަކޮށްފައިވެއެވެ.

އެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ނަމަވެސް އޭގެ ކުރިންވެސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާ ކަމަށާއި ސެޝަންތަކުން ލިބޭ ފީޑްބެކް ބޭނުންކޮށްގެން އިސްރަށްވެހިންގެ މުޖުތަމައުގެ ބޭނުންތަކާއި ހުށަހެޅުންތަކަށް ރިއާޔަތްކޮށް ޕްރޮގްރާމް އިތުރަށް ހަރުދަނާކުރުމަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

އިސްލާމިކް މިނިސްޓްރީ އާއި "އިސްރަށްވެހިންގެ ނާދީ" ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތަކީ ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ އަދި ރޫހާނީ ގޮތުން މުއްސަނދި މާހައުލެއް ގާއިމުކުރުމަށް އެޅި ވަރަށް ހަރުދަނާ ފިޔަވަޅެއް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އިސްރަށްވެހިންގެ ނާދީއަކީ އުމުރުން 55 އަހަރުން މަތީ ބޭފުޅުންގެ އިޖްތިމާއީ، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ތަރައްގީކޮށް އެފަރާތްތަކަށް ހިތްހަމަޖެހިލައިގެން ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަރުމާކޮށް ތައްޔާރުކުރެވިފައިވާ ތެނެކެވެ.