ރައްޔިތުންގެ ހިތްތަކުގައި އިސްލާމްކަމާއި އީމާންކަމުގެ ރުކުންތައް ހަރުދަނާކޮށް އަގީދާ ވަރުގަދަކުރުމާއެކު އިސްލާމްދީނުގެ މައިގަނޑު ރުކުންތަކަށް އަހުލުވެރިވެފައިވާ ޖީލެއް ބިނާކުރުމުގެ އަމާޒުގައި "ރިސާލަތު ޕްރޮގްރާމު 2024" ފަށައިފިއެވެ.

މިދިޔަ ޖެނުއަރީ މަހު އިފްތިތާހު ކުރެވުނު ރިސާލަތު ޕްރޮގްރާމް ހިންގަނީ ރަށްތަކުގެ ކައުންސިލްތަކާއި އިތުބާރު ހިފޭ ޖަމިއްޔާތަކާއި ސަރުކާރުގެ އިދާރާތަކާއި ގުޅިގެންނެވެ. މި ޕްރޮގްރާމުގެ ދަށުން ފަސް އަހަރަށް ފަސް ޕްރޮގްރާމް އަންނާނެ ކަމަށާއި މިކަމަކީ އެ ވުޒާރާ އިން އިސްކަމެއް ދީގެން ދީގެން ކުރިއަށްގެންދާނެ ކަމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި ޕްރޮގްރާމް އަމާޒުކުރެވެނީ ދަރިވަރުންނާއި ޒުވާނުން މުދައްރިސުންނާއި ބެލެނެވެރިންގެ އިތުރުން އާންމު ރައްޔިތުންނަށެވެ. މި މަޝްރޫއުގެ ދަށުން ދީނީ ދަރުސް ދިނުމާއި މީޑިއާ ޕްރޮގްރާމްތައް ހެދުމުގެ އިތުރުން ޓީވީ ރޭޑިއޯ އަދި ސޯޝަލް މީޑީއާގައި ތަފާތު އެކި ފޯރަމްތަކާއި ޕްރޮގްރާމްތައް ހިންގުމަށް ވަނީ ނިންމާފައެވެ.

ހަމައެއާއެކު އުމްރާ ޓުއާ އާއި ސްކޫލް އެގްޒިބިޝަނާއި މުބާރާތް ބޭއްވޭނެއެވެ. ހަމައެއާއެކު ދީނި ގިނަ މައުލޫމާތުތައް ފޯރުކޮށްދެވޭނެއެވެ.

މި ޕްރޮގްރާމާއި ގުޅޭ ޕްލޭންގައި އަލިއަޅުވާލާނީ ޝަހާދަތުގެ ދެކަލިމަ، ނަމާދު، ޒަކާތް، ރޯދަ، ހައްޖު، މާތް ﷲ އަށް އީމާންވުން، މަލާއިކަތުންނަށް އިމާންވުން، ފޮތްތަކަށް އީމާންވުން، ރަސޫލު ބޭކަލުންނަށް އިމާންވުން، އާޚިރަތް ދުވަހަށް އީމާންވުން، މިންވަރަށް އީމާންވުން، އިހްސާންކަން އަދި އުންމަތަށް މުހިންމު ފިލާވަޅުތަކެވެ.

އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ ބައިވެރިން ހާޒިރުވާ އިންސައްތައަށް ބަލާ، ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގެ ކޮމެންޓްސް، ލައިކްސް އަދި ޝެއަރ ކުރާ މިންވަރު ބަލާނެ ކަމަށެވެ. އަދި އަހަރު ނިމުމަށްފަހު ޕްރޮގްރާމުން ހާސިލުކުރަން ބޭނުންވި ނަތީޖާ ހާސިލުވި މިންވަރު ބަލާ، ބައިވެރިންނަށް ހުށަހެޅުނު މައުލޫމާތު ވިސްނޭ މިންވަރު ވަޒަންކުރުމަށް ސާރވޭ ނުވަތަ ފީޑްބެކް ވެސް ހޯދާނެ ކަމަށް އެ ވުޒާރާ އިން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ މަގްސަދަކީ ދިވެހިން އިސްލާމް ދީނުގެ ހުކުމްތަކަށް އަހުލުވެރި ކުރުވުމާއި ކީރީތި ރަސޫލާގެ އާލުބައިތުންނާއި ސަހާބީން ފަދައިން އިސްލާމް ދީނުގެ އަސާސްތަކުގައި ހިފަހައްޓާ މުޖުތަމައު އެއްބައިވަންތަކަމާއި ހަމަޖެހުމަށް ލޯބި ކުރާ ޖީލެއް ދިވެހި މުޖުތަމައު ބިނާ ކުރުން ކަމުގައި މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު