ލޭންގުއެޖް، ކަލްޗާ އަދި ހެރިޓޭޖް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހައްމަދު ސައީދު މޫސާ ވަޖުދީ މަގާމުން ސަސްޕެންޑްކޮށްފިއެވެ.

ވަޖުދީ ސަސްޕެންޑްކޮށްފައި ވަނީ އޭނާއާ ގުޅިގެން ބަލަމުންދާ ސުލޫކީ މައްސަލައަކާ ގުޅިގެންނެވެ. އޭނާ ސަސްޕެންޑްކޮށްފައި ހުރި ކަން އަންގާފައި ވަނީ މިރެއެވެ.

ވަޖުދީ ސަސްޕެންޑްކުރިއިރު ސްޕޯޓްސް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހުސެއިން ޝިފާޒު އިއްޔެ ވަނީ ސަސްޕެންޑްކޮށްފައެވެ. ވަކި މުއްދަތެއް ނެތް ގޮތަށް އޭނާ ސަސްޕެންޑްކުރީ ސިޔާސީ މުވައްޒަފުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑާ ހިލާފުވުމުންނެވެ. "ވަގުތަށް" އެނގިފައިވާ ގޮތުގައި އޭނާ ސަސްޕެންޑް ކުރީ އަހުލާގީ ބައެއް މައްސަލަތަކާ ގުޅިގެންނެވެ.

އިންޑިއާ ސަރުކާރަށް ފާޑުކީ މައްސަލައެއްގައި މިިދިޔަ ޖެނުއަރީ މަހުން ފެށިގެން ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އަދިވެސް ތިބީ ސަސްޕެންޝަންގައެވެ.

މީގެއިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ޗެއާމަންގެ މަގާމުން އަހްމަދު ޒުހޫރާއި އެމްއެމްޕީއާރުސީގެ މެނެޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު ވެސް ވަނީ ވަކިކޮށްފައެވެ.