ވިލިމާލޭގައި ގާއިމްކުރާ 100 އެނދުގެ ހޮސްޕިޓަލުގެ ސަރވޭގެ އެއްބަސްވުމުގައި ސޮއިކުރެވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާ ކަމަށް ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަންގް ލިޝިން ވިދާޅުވެއްޖެއެވެ.

ސަފީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލިމާލޭގައި 100 އެނދުގެ ހޮސްޕިޓަލެއް ތަރައްގީ ކުރުމުގެ ފީސިބިލިޓީ ސްޓަޑީގެ ލެޓާ އޮފް އެކްސްޗޭންޖްގައި މިނިސްޓަރާއެކު ސޮއިކުރެއްވުމަކީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ނަތީޖާ ކަމަށެވެ. އަދި އުންމީދު ކުރައްވަނީ ޗައިނާގެ އެހީގައި ހިންގާ މި މަޝްރޫއަކީ ދިވެހިންނަށް ފައިދާވާނެ މަޝްރޫއެއް ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ. އަދި، ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ވަންގް ލިޝިންއެވެ.

މި އެއްބަސްވުމުގެ ދަށުން ކުރިއަށް ދާނީ، ޕްރޮޖެކްޓްގެ އަމަލީ މަސައްކަތަށް ބޭނުންވާ ދިރާސާތައް ހެދުމެވެ. އެގޮތުން ޕްރޮޖެކްޓްގެ ޓައިމްލައިނާ، ޑިޒައިން އަދި ދޭނެ ޚިދުމަތްތަކާ ޤާއިމުކުރާނެ ވަސީލަތްތަކާ ގުޅޭ ދިރާސާ ކުރާނެއެވެ. އަދި މި ދިރާސާތައް ކުރުމަށް ޚާއްސަ ޓީމެއް ވަރަށް އަވަހަށް ޗައިނާއިން ރާއްޖެއަށް އަންނާނެއެވެ.

ވިލިމާލޭގައި ތަރައްގީކުރުމަށް ނިންމާފައިވާ ޓާޝަރީ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ދެ މަސް ކުރިން ވިދާޅުވެފައެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އެހެން ވިދާޅުވީ "ރައީސްގެ ޖަވާބު" ޕްރޮގްރާމްގައި، މާލެ ސިޓީ، ވ. ފަޒީލާމަންޒިލް، އަޙުމަދު ޝިފާން، ވިލިމާލެ ހޮސްޕިޓަލުގައި ދޭ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވުމަށް އެދި ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ރައީސް ވިދާޅުވީ، ވިލިމާލެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަކީ ވަރަށް އިސްކަންދޭ ކަމެއް ކަމަށާއި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ވިލިމާލޭގައި އެޅުމަށް ނިންމާފައިވާކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ މި މަޝްރޫޢުގެ ޑިޒައިނިންގ އާއި ޓެކްނިކަލް މަސައްކަތްތަކެއް ހެލްތު މިނިސްޓްރީއާ ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. އަދި މިއީ ޗައިނާގެ ހިލޭ އެހީގެ ދަށުން އެޅުމަށް ނިންމާފައިވާ ހޮސްޕިޓަލެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ވިލިމާލޭގެ ރައްޔިތުން ހިތްހަމަޖެހޭ ފެންވަރުގެ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް ގާއިމްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމުގެ ޔަގީންކަން ދެއްވާކަމުގައިއެވެ. އަދި މި ހޮސްޕިޓަލަކީ ޗައިނާގެ ހިލޭ އެހީގެ ދަށުން އެޅުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލެކެވެ.