ވައިގަދަވުމުގެ ސަބަބުން ހުޅުމާލޭގައި އިންދާފައި ހުރި ގިނަ އަދަދެއްގެ ފިތުރޯ ގަސްތަކެއް ވެރިއްޖެއެވެ.

ހުޅުމާލޭގެ ފިތުރޯނު މަގުގައި ހުރި ފިތުރޯނު ގަސްތަކެއް ވެރިފައިވަނީ ރޭ ފަތިހުގެ ވަގުތުގައި ވިއްސާރަވެ، އާދައާހިލާފަށް ވައިގަދަވުމުގެ ސަބަބުންނެވެ.

އެ ގަސްތައް ވެެރުމުގެ ސަބަބުން މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

އާންމުވެފައިވާ ވީޑިއޯތަކަށް ބަލާއިރު ފިތުރޯނު މަގުގައި ހުރި ބޮޑެތި ހަތަރު ފިތުރޯނު ގަހެއް ވަނީ މަގުމައްޗަށް ވެރިފައެވެ. އަދި ގަސްތައް ވެރި ޕާކްކޮށްފައި ހުރި ބައެއް ސައިކަލުތަކަށް ގެއްލުންވެފައިވާ މަންޒަރުވެސް ވީޑިއޯތަކުން ފެނެއެވެ.

ބައެއް ގަސްތައް މުލުން ލުހިފައިވާއިރު، އަނެއްބައި ގަސްތައް ބުޑާ ހިސާބުން ބިންދައިގެން ގޮސްފައި ހުއްޓެވެ.

ރޭ ހުޅުމާލެއަށް ކުރި ވިއްސާރައިގައި އެހެން ބައެއް ސަރަހައްދުތަކުގައި ވެސް ގަސްތަކުގެ ގޮފިތައް ބިންދައިގެން މަގުމައްޗަށް ވެއްޓިފައިވެއެވެ. އަދި ބައެއް ގަސްތައް ވެރި ޕާކްކޮށްފައި ހުރި ސައިކަލުތަކަށް ގެއްލުންވެފައިވެއެވެ.

މާލޭ ސަރަހައްދަށް ވައި ގަދަވުމުގެ ސަބަބުން މީގެ ދެ ދުވަސް ކުރިން ވެލާނާގެ ކުރިމަތީގައި ހުންނަ ގަހަކުން ބައެއް ވެއްޓި ސައިކަލެއްގައި ދިޔަ މީހަކަށް އަނިޔާވެފައިވެއެވެ.

މޫސުން ގޯސްވެ، ވިލާގަނޑުގައި 60 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު ވެސް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖް ސަމާލު ނެރިފައެވެ.

މެޓުން ނެރެފައިވާ މި ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މި ސަރަހައްދުތަކަށް މޫސުން ގޯސްވެ، މިއަދު އޮރެންޖް ސަމާލު ނެރެފައިވާއިރު، ރޭވެސް މެޓުން ވަނީ، ށ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ހަމައަށް ވެސް އޮރެންޖް ސަމާލު ނެރެފައެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރައިގެ އިތުރުން މިހާރު މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ވައިގަދަވާން ފަށާފައިވަނީ ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑުގެ ސަބަބުން ކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ. މިއީ މި ކޮޅިގަނޑުގެ ނުސީދާ އަސަރު ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ.

އެޑިޓަރުގެ ނޯޓް: ގަސްތައް ވެރުނު ކަމަށް ލިޔެފައިވުމުން ބައެއް ކިޔުންތެރިން ސުވާލު އުފައްދާތީ ދަންނަވަމެވެ: ދިވެހި ބަހުގެ އެކެޑެމީއިން ކުރިން ބުނެފައިވާ ގޮތުގައި ގަދަވަޔާއި ވިއްސާރައިގައި ގެދޮރާއި ރުއްގަސް "ވެރޭނީ"އެވެ. އެއް ގަސް ނަމަ ވެއްޓޭނީއެވެ. ގަސްތައް ނަމަ ވެރޭނީއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ގުދުގުދާބެއްޔާ

    ގަސްއެއީ ވެރޭ އެއްޗެއްތަ؟ފުރަތަމަ ދިވެހިބަހުން ލިޔަން ދަސްކުރަންވީނު!

    10
    2
    • ހުސޭނުބޭ

      ނަސީބެއްނު ހުތުރު މާނައެއް ދޭހަވާގޮތަށް ނުލިއުނުކަން.

  2. ގުދުގުދާބެއްޔާ

    ގަސްއެއީ ވެރޭ އެއްޗެއްތަ؟ފުރަތަމަ ދިވެހިބަހުން ލިޔަން ދަސްކުރަންވީނު!.

    9
    1
  3. ޑރ. ރާމީ ޙަސަން (ޕީ.އެން.އެފް)

    މިތަނުގައި އޮއްނަން ވާނީ ގަސްތައް "ވެއްޓިއްޖެ" މިގޮތަށް!

    9
    1
  4. ސ

    ގަސް ތައް ވެއްޓިއްޖެ މިހެން ލިޔުއްވާ

    9
    1
  5. އަސްދޫނި

    ވެރެނީ ދިޔާ އެއްޗެހި. ތިގަސް ވެއްޓުނީ. ނޫސް ލިޔަނީ ނުބަލާތަ؟

    7
    1
  6. ވެރުން

    ގަހެއް ވެއްޖިއްޔާ ވެއްޓޭނީ ނޫންތަ؟

    7
    1
  7. އަމަލު

    "ފިތިރޯނު ގަސްތަކެއް ވެރިއްޖެ." މިދެންކިހާދެރަ ކަމެއް. ވެރޭ އެއްޗިއްސާ ވެއްޓޭ އެއްޗެހި ނޭގޭ މީހުން ނޫސްތަކުގަ ނުލިޔެ ރަށުތެރެއިން ކޮންމެވެސް އެހެން ކަމަކާ އުޅެންވީ ނޫންތޯ؟

    11
    1
  8. ވަހީދު

    ގަސްތަށް ވެރުނީ ގަދަވަޔާ ގަސްތަކަށް މާގަދަޔަށް ހެލުނީމަ ކަމަށް ވެދާނެ

    6
    1
  9. ދިވެހިން

    ކިހާދެރަކެއްތަ؟ ގަސްތައް އެއީ ވެރޭއެއްޗެއް ނޫން ގަސްތައް ވެއްޓޭނީ. ފުރަތަމަ ބަސްދަސްކޮށްބަލަ!!

    4
    1
  10. ކައިދާ

    ބުނާތީ އިވޭ މިނޫހުގެ މުހިއްމު ބައެއް އަދާކުރައްވާ ބޭފުޅެކޭ އަޝްރަފްސޯ އަކީ އެކަމަކުވެސް ގަސްތައް ވެރުނީ ދޮއްތަ
    ފުޓްސަލް މުބާރާތުގެ ބަދަލުގަ ދިވެހިބަހުގެ ކޯހެއް ނޫހުގެ މުވައްޒަފުންނަށް ބޭއްވުން މާ ތާހިރުވާނެ ހެން ހީވަނީ

    6
    1
  11. އަހާ

    ވެެރުނީތަ ނޫނީ ވެއްޓުނީތަ. އަދިވެސް ކިޔާތި ތިމާމެންވަރު މޮޅުބަޔަކު ނުތިބޭނޭ

    5
    1
  12. އިބްރާހިމް

    ގަސްތައް ވެއްޓޭނީ، ދިޔާއެއްޗެއް ނަމަ ވެރޭނީ.

    5
    1
  13. ގޯހެއް ނެތް

    ތަނެއް ދޮރެއް ނުބަލައި ތި ބަވައިގަންނަނީ، ދިވެހި ބަހުގެ އެކެޑެމީން ބުނެފައި ވަނީ ގަސްތައް ވެރޭނީ ކަމަށް، ވެއްޓޭނީ އެއް ގަސް. ގެދޮރު ވެސް ވެރޭނީ. ހިކި އެއްޗެހީގެ ތެރެއިން ގިނަ އެއްޗެހި ވެރޭނީ. އެކަތި ވެއްޓޭނީ. ވަޑައިގަންނަވާށޭ ކިލާހަށް އަސާސީ

    4
    3
  14. ޒާ

    ލިޔެފައިވާ ކޮމެންޓްތަކުން އެނގެނީ ދިވެހިންގެ ކިބައިގާ ހުރީ ތަންދޮރު ނުބަލައި، ތިމާ ގެ ހާލަތު ނޭނގި ތިމާއަށް މަލާމާތް ރައްދުވެދާނެ ކަންކަމުގައިވެސް ހަޖޫޖަހާ ކަމެވެ. ތިމާގެ ތަޢުލީމީ ފެންވަރު ހުރިވަރު ތިމާއަށް ނޭނގޭއިރު މިފަދަ ކޮމެންޓްތައް ކުރަން ލަދުވެތި ނުވޭތޯއެވެ؟ ލިޔުންތެރިޔާ ލިޔެފައިވަނީ ދިވެހިބަހުގެ ޤަވާޢިދުގައި އެ ބަސް ބޭނުންކުރާ ހަމައިންނެވެ. އެކަން އެނގޭނީ ބަސްދަންނަ މީހުންނަށެވެ. "ގޯހެއްނެތް" ކޮމެންޓްގައި އެވަނީ ރަނގަޅަށެވެ.