ޕިކަޕެއްގެ ތެރޭގައި އޮތް ވޮލެޓަކުން ކޭޝްކާޑެއް ވަގަށް ނެގުމަށްފަހު އެ ކާޑުން ވިޔަފާރި ކުރި މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ ބަންދު އަމުރަކުން އެނގޭ ގޮތުގައި، ޕިކަޕެއްގެ ތެރޭގައި އޮތް ވޮލެޓުގައި އޮތް އެހެން މީހެއްގެ ކޭޝްކާޑެއް ވަގަށް ނަގައި ވިޔަފާރިކޮށްގެން ހައްޔަރު ކުރީ، ޏ. ފުވައްމުލައް، ދޫޑިގަން، ކަނޑުބަލާގޭ އަބްދުﷲ ނާޝިދު (38) އެވެ.

އަމުރުގައިވާ ގޮތުން ފުލުހުން އޭނާގެ މައްޗަށް ކުރަނީ ވައްކަމުގެ ކުށުގެ ތުހުމަތު އެކަންޏެވެ. މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި ފޮޓޯ އަދި ތަހުޤީގު ރިޕޯޓުވެސް ފުލުހުން ވަނީ ކޯޓަށް ހުށަހަޅާފައެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތާއި އެއްގޮތަށް ކަމަށް ކަނޑައަޅައި ކުރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައެވެ.

ކުށުގެ ރިކޯޑެއް އޮންނަ އެ މީހާ ބަންދު ކުރަން ނިންމީ ދޫކޮށްލައިފި ނަމަ މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައިގެންނެވެ.