ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަސް ގައުމީ ފެންވަރުގައި ފާހަގަ ކުރުމަށް ސަރުކާރުން ބާއްވާ "ކަނޑު ރޯދި އުފާ" ފެސްޓިވަލްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މިއަހަރުގެ ދުނިޔޭގެ ކަނޑު ތަކުގެ ދުވަސް ފާހަގަ ކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި 08 ޖޫން 2024 ވާ ހޮނިހިރު ދުވަހު ހުޅުމާލޭ ފޭސް 1 ގެ ބީޗުގައި "ކަނޑު ރޯދި އުފާ" ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވިޒާރާއިން ވަނީ ބުނެފައެވެ.

ފެސްޓިވަލްގައި ބައިވެރިވުމަށް ބޭނުންވާ މުއައްސަސާތަކާއި ކްލަބް ޖަމިއްޔާތައް އަދި އަމިއްލަ ފަރުދުން 30 މެއި 2024 ވަނަ ދުވަހުގެ 11:00 ގެ ކުރިން ގޫގުލް ފޯމް މެދުވެރިކޮށް ރަޖިސްޓްރީވުމަށް ވަނީ އެދިފައެވެ.

މި ފެސްޓިވަލްގެ މައިގަނޑު ބޭނުމަކީ އުފާވެރި މާހައުލަކުން ކުޑަކުދިން އަދި ޒުވާނުންނަށް ކަނޑާ ގުޅުން ހުރި މަޢުލޫމާތު ދިނުމާއެކު ކުޅިވަރުތަކާއި އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.

ބައިނަލްއަގްވާމީ ކަނޑުތަކުގެ ދުވަހަކީ ޖޫން 8 ވަނަ ދުވަހެވެ. އެ ދުވަހާ ގުޅިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވަނީ ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފައެވެ.

އެގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރުމުގެ ގޮތުން ކޮންމެ ރަށެއްގައި ވެސް މޫދުގެ ހަރަކާތްތަކެއް ހިންގުމަށް ރަށު ކައުންސިލްތަކާއި މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއެވެ.

އެގޮތުން "އެންމެން މޫދަށް" ގެ ނަމުގައި ރަށްރަށުގައި ވީހާ ވެސް ގިނަބަޔަކު ބައިވެރިވާ ހަރަކާތްތަކެއް ދެ ދުވަހު ކުރިއަށް ގެންދިއުމަށް މި އެ ވުޒާރާއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ކަނޑުތަކުގެ ދުވަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ސުކޫލަކަށް ހުޅުވާލައިގެން މަޒުމޫނު ލިޔުމުގެ މުބާރާތަކާއި ކުރެހުމުގެ މުބާރާތެއް ބޭއްވުމަށް ވެސް އެ ވުޒާރާއިން ވަނީ ނިންމާފައެވެ. އެއިން ކޮންމެ މުބާރާތަކުން ވެސް ވަނަތައް ހޮވައި އިނާމު ދޭނެއެވެ.

ބައިނަލްއަޤްވާމީ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، އެ ވުޒާރާގެ މީސް މީޑިއާ މެދުވެރިކޮށް 1-8 ޖޫންގެ ނިޔަލަށް ކޮންމެ ދުވަހަކު ވެސް ރާއްޖޭގެ ކަނޑުފަޅާ ބެހޭ އާންމު މައުލޫމާތު ހިއްސާކުރުމުގެ ހަރަކާތެއް ވެސް ކުރިއަށް ގެންދަން ނިންމާފައި ވެއެވެ. އަދި އެ ވުޒާރާގެ މީސްމީޑިއާ މެދުވެރިކޮށް މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ކުއިޒް މުބާރާތެއް ވެސް ކުރިއަށް ގެންދާ ގޮތަށް ނިންމާފައި ވެއެވެ.

އަދި މާލެ ސަރަހައްދުގެ ސުކޫލުތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބައިނަލްއަގުވާމީ ކަނޑުތަކުގެ ދުވަހާ ގުޅޭ ހާއްސަ މައުލޫމާތު ސެޝަނެއްވެސް ދާއިރާގެ ފަންނީ ބޭފުޅުންނާއެކު ކުރިއަށް ގެންދަން ނިންމާފައިވާއިރު، މި ސެޝަންގައި ބައިވެރިވާ ދަރިވަރުން، މޫދަށް އަޅާ ކުނި މަދު ކުރުމަށް ގަރާރެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ކުޑަކުދިންނަށް ޑައިވް ހަރަކާތެއް ހިންގުމާއި މާލެ ސަރަހައްދުގެ މުއައްސަސާތަކަށް ހުޅުވާލައިގެން މަސްރޭހެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.