ކޮމިޝަނާ އޮފް ޓެކްސޭޝަންގެ މަގާމަށް ހަސަން ޒަރީޒު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ރުހުންދީފައި ވުމުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ކަމުން އޭނާ އިސްތިއުފާ ދެއްވައިފިއެވެ.

ބީއެމްއެލްއިން، ބުނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަން ހަސަން ޒަރީރު މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ޒަރީރު އިސްތިއުފާ ދެއްވާފައިވަނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އޭނާ އައްޔަން ކުރުމުން މި މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމާއި ގުޅިގެން ކަމަށް ވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.

ބޭންކުގެ ހިންގާ ގަވައިދުގައިވާ ގޮތުން ބޯޑު އެކުލެވިގެންވަނީ ސަރުކާރުން އައްޔަން ކުރާ އަށް މެންބަރުންނާއި އާންމު ހިއްސާދާރުގެ ފަރާތުން ހޮވާ ތިން މެންބަރުންނާއެކު ޖުމްލަ 11 މެންބަރުންގެ މައްޗަށެވެ.

ޒަރީރު ބޯޑުން އިސްތިއުފާ ދެއްވުމާއެކު މި ވަގުތު ބޯޑުގައި ތިއްބެވީ ޖުމްލަ ނުވަ ޑައިރެންޓަރުންނެވެ. އެއީ ސަރުކާރުން އައްޔަން ކުރާ ދެ މެންބަރުންގެ މަގާމު ހުސްވުމުން ކަމަށް ބޭންކުން ބުނެއެވެ.

ޒަރީރު ޑިރެކްޓަރިންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކޮށްފައިވަނީ މިދިޔަ މާޗް މަހުގެ 25ގައި ބޭއްވި ބޭންކުގެ ހާއްސަގޮތުން ކުރާ އާންމު ޖަލްސާގައި ބޭންކުގެ ބޯޑަށް އައްޔަންކުރުމަށް ނިންމުމާ ގުޅިގެން ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނީ އަމާޒަކީ ހުސްވެފައިވާ މަގާމުތަކަށް މެންބަރުން އައްޔަންކުރުމަށް އަންނަ ޖުލައި މަހުގެ ތެރޭގައި ހާއްސަގޮތުން ކުރާ އާންމު ޖަލްސާއެއް ބޭވުން ކަމަށެވެ.