އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ޤަތުލުއާންމުގެ ނުރައްކާ މުޅި ދުނިޔެއަށް އެބައޮތް ކަމަށް ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިހުސާން މިހެން ވިދާޅުވީ، ގަތަރުގައި މިހާރު ކުރިއަށްދާ ގްލޯބަލް ސެކިއުރިޓީ ފޯރަމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިހުސާން ވިދާޅުވީ، ރާއްޖެއަކީ އަބަދުވެސް ހަމަޖެހުމާއި އަމާންކަމަށް ލޯބިކުރާ އިސްލާމީ ގައުމަކަށް ވާތީ އެ އަނިޔާތައް ހުއްޓާނުލާހާ ހިނދަކު ޣައްޒާގެ ރައްޔިތުންގެ ހައްޤުގައި ރާއްޖެއިން އަޑު އުފުލާނެ ކަމަށެވެ. އަދި އިސްރާއީލުން ހިންގަނީ އިންސާނިއްޔަތާއި ޚިލާފު އޭގެ އަސަރު މުޅި ދުނިޔެއަށް ކުރާ އަމަލުތަކެއް ކަމަށް އިހުސާން ވަނީ ވިދާޅުވެފައެވެ.

އިސްރާއީލު-ފަލަސްތީނުގެ މައްސަލައަށް ހައްލެއް ނުލިބި އޮތުމަކީ އެކަމުގެ ނޭދެވޭ އަސަރުތައް މެދުއިރުމަތީގެ އިތުރުން މުޅި ދުނިޔެއަށް ވެސް ކުރާ ކަމެއް ކަމަށް އިހުސާން ވިދާޅުވިއެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ ސަލާމަތާއި އާމާންކަމުގެ އަސާސްތަކަށް އަސަރުކުރަމުންދާއިރު، ރާއްޖެއަށް ވެސް ނޭދެވޭ އަސަރު ކުރާ ކަމަށް އިހުސާން ވިދާޅުވިއެވެ.

ރާއްޖެއަކީ ފަތުރުވެރިކަމާއި ވިޔަފާރިއަށް ބަރޯސާވާ ގައުމަކަށްވާއިރު، ސަރަހައްދީ ހަމަނުޖެހުމުގެ އަސަރު ރާއްޖެއަށް ކުރާ ކަމަށް ވިދާޅުވިއެވެ. މެދުއިރުމަތީގައި ހިނގާ ކަންކަމުގެ ސަބަބުން ދުނިޔޭގެ ބާޒާރުތަކަށް އަސަރުކޮށް، ރާއްޖޭގެ އިގްތިސާދަށާއި ދިވެހީންގެ ދިރިއުޅުމަށް އެކަމުގެ އަސަރު ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.

"ފަލަސްތީނަށް ދެމުންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ދިވެހީންގެ ފަރާތުން އިސްރާއީލަށް ގޮވާލަން. އަދި ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި ބިންތަކަށް އިހުތިރާމު ލިބިގެންދާނެ ހައްލެއް ހޯދުމަށް ގޮވާލަން،" އިހުސާން ވިދާޅުވިއެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އުދުވާނުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ތިބީ ހާލުގައި ޖެހިފައެވެ. ހައިނޫނު ކަމުގައި ދުނިޔެ ނުދެކޭ ބިރުވެރިކަމެއް ޣައްޒާއިން ފެނިދާނެ ކަމަށް އޮފިޝަލުން ދަނީ އިންޒާރު ދެމުންނެވެ. އެހެންނަމަވެސް އިސްރާއީލުން ގެންދަނީ ގާޒާއަށް އެހީ ހިފައިގެން ވަންނަ ޓްރަކްތަކަށްވެސް ހުރަސް އަޅާ ހަމަލާ ދީ އެތަކެތިވެސް ގާޒާއަށް ވަނަ ނުދީ ހިފަހައްޓަމުންނެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ކާބޯތަކެތި ނުލިބި ބަނޑަށް ޖެހިފައި 700,000 އަށް ވުރެ ގިނަ މީހުން މިހާރުވެސް ގާޒާގައި ތިބިއިރު، ބަނޑޫހައި ހޫނުކަމުގައި މިހާތަނަށް 40 ކުއްޖަކު ވަނީ މަރުވެފައެވެ.

ދުނިޔޭގެ ބޮޑެތި ގައުމުތަކުން މި ހަނގުރާމަ ހުއްޓާލަން ގޮވާލާއިރުވެސް އިސްރާއީލުން އެ ގޮވުންތަކަށް އިޖާބަ ނުދެއެވެ. އަދި ސަލާމަތާއި ރައްކާތެރިކަން ހޯދުމަށްޓަކައި ރަފާހްއަށް ވަދެތިބި 1.4 މިލިއަން މީހުން ފަހާ ނެރެ އަލް މަވާސީ ރެފިއުޖީ ކޭމްޕަށް ފޮނުވާލުމުގެ މަސައްކަތް ޔަހޫދީ ސިފައިން ދަނީ ކުރަމުންނެވެ.