ރާއްޖެއަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި އިއްޔެ އެންމެ ވައިގަދަވީ ހުޅުލެއަށް ކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފިއެވެ.

މެޓް އޮފީހުން ވަނީ ފާއިދުވެދިޔަ 24 ގަޑިއިރުގައި އެކި ހިސާބުތަކަށް ވައިޖެހުނު މިންވަރު ރެކޯޑްކޮށް އާންމުކޮށްފައެެވެ.

މެޓް އޮފީހުން އާންމު ކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ވިލާގަނޑުގައި ހުޅުލެއަށް ގަޑިއަކު 63 މޭލަށް ވައިގަދަވިއެވެ. ދެވަނަ އަށް އެންމެ ވައި ގަދަވީ ބ. ދަރަވަންދޫއަށެވެ. އެ ރަށަށް ވިލާގަނޑުގައި 62 މޭލަށް ވައި ގަދަވިއެވެ. ތިން ވަނަ އަށް ވައިގަދަވީ ކ. ގާފަރަށެވެ. ގާފަރަށް ވިލާގަނޑުގައި 57 މޭލަށް ވައިގަދަވިއެވެ.

އެންމެ ވައިގަދަވި ރަށްތައް:

  • ހދ. މަކުނުދޫ - ގަޑިއަކު 45 މޭލަށް
  • ނ. މާފަރު - ގަޑިއަކު 52 މޭލަށް
  • ބ. ދަރަވަންދޫ - ގަޑިއަކު 62 މޭލަށް
  • ކ. ގާފަރު - ގަޑިއަކު 57 މޭލަށް
  • ހުޅުލެ - ގަޑިއަކު 63 މޭލަށް
  • އދ. މާމިގިލި - ގަޑިއަކު 52 މޭލަށް
  • އއ. ތޮއްޑޫ - ގަޑިއަކު 54 މޭލަށް
  • މ. މުލި - ގަޑިއަކު 47 މޭލަށް

ރާއްޖެ އަށް މިހާތަނަށް އެންމެ ވައިގަދަވީ މެއި 29، 1991 ގައެވެ. އެފަހަރު ސ. ގަމަށް ވިލާގަނޑުގައި ގަޑިއަކު 103.5 މޭލަށް ވައިގަދަވިއެވެ.

ރާއްޖެއަށް މިދުވަސްވަރު ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުންދާ އިރު، މިއަދު ވެސް ރާއްޖޭގެ ގިނަ ހިސާބުތަކަށް މޫސުން ގޯހެވެ. އަދި ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.