ޖަމިއްޔާތަކަށް “ސްޓްރެޓެޖިކް މެނޭޖްމަންޓް ވޯރކްޝޮޕް” އަންނަ މަހު ބާއްވަން ނިންމައިިފިއެވެ.

ޔޫތް މިނިސްޓްރީން ބުނީ މަދަނީ ޖަމިއްޔާތަކުގެ ހިންގުން ހަރުދަނާކޮށް، ބާރުވެރިކުރުވުމުގެ ގޮތުން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ، މަދަނީ ޖަމްޢިއްޔާތަކަށް ޚާއްސަކޮށް ”ސްޓްރެޓެޖިކް މެނޭޖްމަންޓް ވޯރކްޝޮޕް"އެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ވޯރކްޝޮޕް ކުރިއަށްދާނީ 04 ޖޫން 2024 އިން 05 ޖޫން 2024 އަށެވެ.

މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައިވަނީ ކޮންމެ މަދަނީ ޖަމްޢިއްޔާއަކުން 01 ބޭފުޅަކަށެވެ.

ވޯކްޝޮޕްގައި ބައިވެރިވުމަށް ޝައުޤުވެރިވާ މަދަނީ ޖަމްޢިއްޔާތަކަށް ބައިވެރިވުމަށް ފުރުޞަތު ވަނީ 30 މެއި 2024 ގެ 13:00 ގެ ނިޔަލަށް ހުޅުވާލާފައެވެ.

ސެޝަންތައް އޮންނާނީ ކަނޑައެޅޭ ވަގުތުތަކުގައި މިނިސްޓްރީން ހަދާފައިވާ ޓައިމް ޓޭބަލާއި އެއްގޮތަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

ޖަމިއްޔާތަކަށް “ސްޓްރެޓެޖިކް މެނޭޖްމަންޓް ވޯރކްޝޮޕް” އަންނަ މަހު ބާއްވަން މިނިސްޓްރީން ނިންމާފައިވާއިރު "ޖަމިއްޔާތަކުގެ މަހާސިންތާ 2024" މި މަހު ގއ. ވިލިނގިލީގައި ބޭއްވުމަށް ތައްޔާރީތައް ވެސް ވަނީ ފަށާފައެވެ.

އެ މަހާސިންތާއަކީ މަދަނީ ޖަމިއްޔާތައް ހިންގުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ، ހަރުދަނާ މަދަނީ މުޖުތަމައެއް ބިނާކޮށް ޖަމިއްޔާތަކަށް ފަހި ވެށްޓެއް ޤާއިމްކުރުމަށް ބޭނުންވާ ކަންކަން ދެނެގަތުމާއި، ޤައުމީ ތަރައްޤީއަށް ވާސިލުވުމަށް ވަކިވަކި ރަށްރަށާއި، އަތޮޅު ފެންވަރުގައި ހުރި އިޖުތިމާއީ ތަފާތު މައްސަލަތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކުގައި އަމިއްލަ ޖަމިއްޔާތަކުން އަދާކުރާ ދައުރާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް، ޖަމިއްޔާތައް ގުޅިގެން މަސައްކަތް ކުރުމަށް ބާރު އެޅުމުގެ ގޮތުން ރޭވިގެން ކުރިއަށްގެންދާ މަހާސިންތާއެއް ކަމަށް މިނިސްޓްރީން ބުނެއެވެ.