މިއަދު ހެނދުނު މާލެއިން ސ.ގަމަށް ދަތުރު ކުރަން ހަމަޖެހިފައިވާ މޯލްޑިވިއަންގެ ފްލައިޓް ކެންސަލްކުރީ ދިމާވި ޓެކްނިކަލް މައްސަަލައަކާއި ގުޅިގެން ކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.

މޯލްޑިވިއަނުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އެ އެއާލައިންގެ އޭ320، ގަމަށް ކުރަން އޮތް ދަތުރު ކެންސަލް ކުރީ ފްލައިޓަށް ދިމާވި ޓެކްނިކަލް މައްސަލަޔަކާއި ގުޅިގެން ކަމަށެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުންދާ ކަމަށް ވަނީ ބުނެފައެވެ.

މޯލްޑިވިއަނުން އަންނަނީ އެ ފްލައިޓުން ރޭ ދަތުރުކުރަން ހަމަޖެހިފައި ތިބި ޕަސިންޖަރުންނަށް އެހެން ފްލައިޓަކުން ޖާގަ ދިނުމުގެ އިންޒިތާމް ހަމަޖައްސަމުންނެވެ.

މި ދުވަސްކޮޅަކީ މޫސުން ގޯސް ދުވަސްކޮޅަކަށް ވުމާއެކު އެއްގަމު މަގުންނާއި ކަނޑުމަގުން އަދި ވައިގެ މަގުންވެސް ދަތުރުކުރާއިރު އިތުރު ސަމާލުކަމެއް ދިނުމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުން ގޯސްވެ ވައިބާރު ވުމުގެ ސަބަބުން ރޭވެސް ވަނީ ފްލައިޓެއް ނުޖެއްސިގެން އަނބުރާ މާލެ އައިސްފައެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ލ. ކައްދޫ އެއާޕޯޓަށް ރޭ 10:35ގައި ފުރި ފްލައިޓް ޑީކިޔޫއޭ 2168 ކައްދޫ އެއާޕޯޓުގައި ޖައްސަން އުޅުމުން ފްލައިޓް ނުޖެއްސި ވަރަށް ގިނައިރު ކައްދޫގެ ދެކުނުން ކަނޑުގެ ސަރަހައްދުގައި ބުރުޖަހާފައި ރޭ 00:32 ހިސާބު ވަނީ ވީއައިއޭއަށް ލޭންޑްކޮށްފައެވެ.

މޫސުން ގޯސްވެ މިއަދު އެމްޓީސީސީގެ ބައެއް ފެރީތައްވެސް ވަނީ ކެންސަލް ކުރެވިފައެވެ.

މޫސުން ގޯސްވެ، ވިލާގަނޑުގައި 60 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް ނުވަ އަތޮޅަކަށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން އޮރެންޖް އިންޒާރު ނެރިފައިވެއެވެ. މެޓް އިން އޮރެންޖް އިންޒާރު ނެރެފައިވަނީ ރ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ފަތިހު 5:15 އިން ފެށިގެން ހެނދުނު 8:15 އާއި ހަމައަށެވެ. ރ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ނ. އަތޮޅު، ޅ. އަތޮޅު، ކ. އަތޮޅު، ވ. އަތޮޅު، ފ. އަތޮޅު، އދ. އަތޮޅު، އއ. އަތޮޅު، ބ. އަތޮޅު އަދި ރ. އަތޮޅު ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު