މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ހަސަން ޒަރީރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސް އެ މަގާމަށް ޒަަރީރު އައްޔަން ކުރައްވާފައިވަނީ މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް މިއަދު އައްޔަން ކުރެއްވި ހަސަން ޒަރީރަކީ ޓެކްސް އަދި އޮޑިޓާ ގުޅޭ އެކި މަޤާމުތަކުގައި 2000 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. ހަސަން ޒަރީރު އެންމެ ފަހުން އަދާކުރައްވާފައިވަނީ ވިލާ ޝިޕިން އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރު އޮފް ފައިނޭންސް އެންޑް ގްރޫޕް ޗީފް ކޮމްޕަލަޔަންސް އޮފިސަރގެ މަގާމެވެ.

އަދި ބެންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއަރޕަރސަންގެ މަގާމު ވެސް އަދާކުރައްވާފައިވެއެވެ. އޭނާ މީގެ ކުރިން ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުވެސް އަދާކުރައްވާފައިވެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މިއަދު އައްޔަން ކުރެއްވި ހަސަން ޒަރީރު ވަނީ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައިއައިޔޫއެމް) ގައި ބެޗެލަރ އޮފް އެކައުންޓިންގ އަދި މާސްޓަރ އޮފް ސައިންސް ފައިނޭންސް ޑިގްރީ ހާސިލްކުރައްވާފައެވެ. އޭގެ އިތުރުން ހަސަން ޒަރީރު ވަނީ، އިނގިރޭސިވިލާތުގެ ފެލޯ ޗާޓަރޑް މެނޭޖްމަންޓް އެކައުންޓަންޓް (އެފްސީއެމްއޭ، ސީޖީއެމްއޭ) އާއި، އޮސްޓްރޭލިއާގެ ސަރޓިފައިޑް ޕްރެކްޓިސިންގ އެކައުންޓަންޓްގެ ކޮލިފިކޭޝަން ހާސިލްކުރައްވާފައެވެ.