މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ށ. ފުނަދޫ އެއާޕޯޓްގެ ފެންސް ވެށްޓިއްޖެއެވެ.

ރީޖަނަލްސް އެއާޕޯޓުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފުނަދޫ އެއާޕޯޓްގެ ފެންސައް ގެއްލުން ވެފައިވާ ކަމަށެވެ. އަދި ލިބުނު ގެއްލުން މަރާމާތްކޮށް އެއާޕޯޓްގެ އޮޕަރޭޝަންތައް ރައްކާތެރިކަމާއެކު ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

މޫސުން ގޯސްވެ، ވިލާގަނޑުގައި 60 މޭލަށް ވައިގަދަ ވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު ވެސް ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް އޮރެންޖް ސަމާލު ނެރިފައެވެ.

މެޓުން ނެރެފައިވާ މި ސަމާލުގައި ބުނެފައިވަނީ ގަޑިއަކު 34 މޭލާއި 40 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އިތުރުން މިހާރު މެދު ރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ވައިގަދަވާން ފަށާފައިވަނީ ބޭ އޮފް ބެންގަލްގައި އުފެދުނު ކޮޅިގަނޑުގެ ސަބަބުން ކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ. މިއީ މި ކޮޅިގަނޑުގެ ނުސީދާ އަސަރު ކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ.