އިންޑިއާގައި ކުރިއަށްދާ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި މާސްޓަރސް ޑިގްރީ ލެވެލްގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ބުނީ އިންޑިއަން އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި ހިންގުމަށް ހަމަޖެހިފައިވާ ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އަދި މާސްޓަރސް ޑިގްރީ ލެވެލްގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށް އިންޑީއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަންގާފައިވާ ކަމަށެވެ.

އެ ސްކޮލަރޝިޕްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 25 ޖޫން 2024ގެ ކުރިން އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް މިނިސްޓްރީއިން ބުނެފައިވެއެވެ.

ސްކޮލަރޝިޕާއި ބެހޭ މަޢުލޫމާތާއި، އެޕްލިކޭޝަން ހުށަހަޅަންވީގޮތުގެ މަޢުލޫމާތު ހިމެނޭ ލިންކެއް ވެސް މިނިސްޓްރީއިން ވަނީ އާންމުކޮށްފައެވެ.

އެ ކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ)އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއް ކަމާއި، ހޮވިފައިވާ ކޯހަކީ އެމްކިޔުއޭއިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

މީގެ އިތުރުން ޕްރޮފެޝަނަލް ނުވަތަ ލައިސެންސިންގ ދާއިރާތަކުގެ ކޯސް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާއިން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުމަށް ވެސް ވަނީ އެދިފައެވެ.

ރާއްޖެއަށް އެކި ޤައުމުތަކުން ވަނީ ސްކޮލަރޝިޕްގެ ފުރުސަތުތައް ހުޅުވާލާފައެވެ. އެ ޤައުމުތަކުގެ ތެރޭގައި ޗައިނާ، އުޒުބަކިސްތާން، ހަންގޭރީ ފަދަ ޤައުމުތައް ހިމެނެއެވެ.