މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ (އައިޔޫއެމް)ގެ ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ފަލަސްތީނުގެ ޕްރޮފެސަރެއް ކަމަށްވާ ޑރ. ހަސަން އަލް ކުރުދީގެ އާއިލާ ޣައްޒާއިން ނެރެ، ރާއްޖެ ގެނެސްފިއެވެ.

ޑރ. ހަސަންގެ އާއިލާ ރާއްޖެ ގެނެސްފައިވަނީ މިއަދުގެ ވަގުތެއްގައި މިސްރު މެދުވެރިކޮށްގެންނެވެ.

އެ އާއިލާ ރާއްޖެއަށް ގެނައުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވެފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިންނެނެވެ. އައިއޭސީން ވަނީ އެ އާއިލާ ރާއްޖެ ގެނައުމުގައި ކުރަން ޖެހޭ ބައެއް މަސައްކަތްތަކާއި މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އައިއޭސީން ބުނީ، ދިވެހި ރައްޔިތުންގެ އެހީއާއި އެކު އެ އާއިލާ ރައްކާތެރިކަމާއި އެކު ރާއްޖެ ގެނެވުމަކީ އެބޭފުޅުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށާއި އެއާއިލާ ރާއްޖެ އައުމުން އައިއޭސީގެ ޓީމުން އާއިލާއަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށެވެ.

އެ އާއިލާ ރާއްޖެ އައުމުން މަރުހަބާ ކިޔުމަށް އައިއޭސީގެ ބޭފުޅުންގެ އިތުރުން އައިޔޫއެމްގެ ބައެއް މުވައްޒަފުން ވެސް އެއާޕޯޓަށް ގޮސްފައިވެއެވެ.

އައިއޭސީން ވަނީ ޑރ. ހަސަންގެ އާއިލާ ރާއްޖެއަށް ގެނައުމުގައި ދިމާވި ބޮޑެތި ހުރަސްތަކުގައި ދިވެހިރާއްޖޭގެ އިމިގްރޭޝަނުން ވެދެއްވާފައިވާ އަވަސް އެހީތަކަށް ޝުކުރު އަދާކޮށްފައެވެ.

"އިންސާނީ އެހީގެ މަސައްކަތުގައި އައިއޭސީއާއި އެކު އަބަދު ވެސް ބާއްވާ ގާތް ގުޅުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" އައިއޭސީން ބުންޏެވެ.

ނިރުބަވެރި އިސްރާއީލުން ފަލަސްތީނުގެ އެކި ސަރަހައްދުތަކަށް ވަރުގަދަ ހަމަލާތަކެއް ދެމުން އަންނައިރު، ޑރ. ހަސަންގެ އާއިލާ ދިރިއުޅެމުން އައީ، މިމަހުގެ 7 ވަނަ ދުވަހު ނިރުބަވެރިން ހަމަލާ ދެމުން އައި ރަފާހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮރަކަލި

    އަލްހަމްދުލިﷲ ޔަހޫދީ ނިރުބަވެރިން ކައިރިންސަލާމަތްވެ ރާއްޖެއައުމުން ވަރަށްއުފާވެއްޖެ އަދި ހާއްސަކޮށް ދިވެހި ސަރުކާރަށް ފަލަސްތީނުގެ އާއިލާ ރާއްޖެގެނައުމަށް ކޮށްދެއްވި ބުރަ ޑިޕުލޮމެޓިކު މަސައްކަތަށް ޝުކުރުދަންނަވަން .

    13