މި ސަރުކާރުގެ "ހަފްތާ 14" ގައި ހިމެނިގެން ކުރިއަށް ގެންދާ "މަގޭ ސޯލާ" ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގައި ޖުމްލަ 750 ގޭބިސީއަކަށް ޕީވީސީ ސޯލާ ސިސްޓަމް ފޯރުކޮށްދެވޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ފާއިތުވެދިޔަ ހަ މަސް ދުވަހު މިނިސްޓްރީން ކުރިއަށް ގެންދިޔަ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގް ވިދާޅުވީ ހަ މަސް ތެރޭގައި މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އަދި "ހަފްތާ 14" ގައި ހިމެނިގެން ވެސް ބައެއް މަސައްކަތްތައް ފަށާފައިވާ ކަމަށް ވިދާޅުވިއެވެ. އެގޮތުން އިއާދަކުރުވަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމަށްޓަކައި "މަގޭ ސޯލާ" ނަމުގައި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގައި އިއާދަކުރުވަނިވި ހަކަތަ ބޭނުން ކުރުން އިތުރު ކުރަމަށާއި އަދި ގޭބިސީގެ ކަރަންޓު ބިލަށް ކުރާ ހަރަދު ކުޑަކުރުމަށް އިއާދަކުރުވަނިވި ހަކަތައިގެ ވަސީލަތްތަކެއް ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގައި ރައްޔިތުންގެ ބައިވެރިކުރުން އިތުރުކޮށް އޭގެ އިޖުތިމާއީ އަދި އިގްތިސާދީ މަންފާ އެންމެހާ ރައްޔިތުންނަށް ފަހިކޮށްދިނުމަށް ސަރުކާރުން މަގޭ ސޯލާގެ ނަމުގައި ހަފްތާ14 ގެ ދަށުން މިދިޔަ އަހަރު ނޮވެމްބަރ 29 ގައި މިވަނީ މި މަސައްކަތް ފަށާފައި." ތޯރިގު ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ "މަގޭ ސޯލާ" ޕްރޮގްރާމްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިން ކިލޯވޯޓުގެ 375 ނިޒާމާއި ފަސް ކިލޯވޯޓުގެ 375 ނިޒާމު ޖުމްލަ ތިން މެގަވޯޓުގެ ޕީވީސީ ސިސްޓަމް ހޯދުމަށް މިމަހު 9 ވަނަ ދުވަހު ކޮންޓްރެކްޓަރާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެންކަމުން މި ފިޔަވަހީގައި ޖުމްލަ 750 ގޭބިސީއަށް ސޯލާ ޕީވީސީ ފޯރުކޮށްދެވޭނެ ކަމަށް ވިދާޅުވިއެވެ.

"މި ފިޔަވަހީގެ ދަށުން ޖުމްލަ 750 ގޭބިސީއަށް ސޯލާ ޕީވީސީ ސިސްޓަމް ފޯރުކޮށްދެވޭނެ." ތޯރިގު ވިދާޅުވިއެވެ.

އަދި ހަމައެއާއެކު ތިން މެގަވޯޓުގެ އިތުރު ޕްރޮގްރާމެއް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ފަސް އަހަރުގެ ތެރޭގައި ގައުމަށް ބޭނުންވާ ކަރަންޓުގެ %33 އަކީ އިއާދަކުރަނިވި ހަކަތައިގެ ނިޒާމުތަކުން އުފައްދާ ކަރަންޓު ކަމުގައި ހެދުމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވައުދުވެވަޑައިގެންފައެވެ.

މި ޕްރޮގްރާމުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 10 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމް ތަކެއް ރާއްޖޭގެ ރައްރަށުގައި ގާއިމުކުރުމެވެ. މިހާތަނަށް ރާއްޖޭގައި 65 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރެވިފައިވެއެވެ. އެއީ ގައުމަށް ބޭނުންވާ ކަރަންޓުގެ ގާތްގަނޑަކަށް %5 އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ިސސެ

    ފާއިތުވެދިޔަ ހަ މަސް ދުވަހު މިނިސްޓްރީން ކުރިއަށް ގެންދިޔަ މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތޯރިގް ވިދާޅުވީ ވަރަަަށް ސާފް

  2. ކޮރަލް

    ބޮޑު ވިޔަފާރި އަކަށް ނުހަދާ އާއްމުގެ ބަޔަކަށް ތިޔަ މަސައްކަތް ދަސް ކޮށްދީ ބަލާށެވެ.