މި ދުވަސްވަރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވެފައިވާތީ އަންނަ ދިރާސީ އާ އަހަރުގެ ފުރަތަމަ ތިން ދުވަހުގެ ކިޔެވުން ތިން ގަޑިއިރަށް ހަމަޖައްސަން އެޑިއުކޭޝަން މިނިސްޓްރީން މިއަދު ސްކޫލްތަކަށް އަންގައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވަނީ މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހި، ކަނޑުތައް ގަދަވުމުގެ ސަބަބުން ދަތުރުފަތުރު ކުރުމަށް ބުރޫ އަރާފައިވާ ދުވަސްވަރަކަށް ވުމުން ކުރިމަތުވެފައިވާ މޫސުމީ ހާލަތަށް ރިއާޔަތްކޮށް، ދަރިވަރުންނަށް ފިލާވަޅު ގެއްލޭ މިންވަރު ކުޑަކުރުމަށް އިންތިޒާމްތައް ހަމަޖެއްސުމަށް މެއި 26، 27 އަދި 28 ވަނަ ދުވަހު ސުކޫލްތަކުގައި ކިޔަވައިދިނުމުގެ ދަންފަޅިތައް ކުރުކޮށް ގެންދިއުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

އެހެން ކަމުން އެ ތިން ދުވަހު، ކޮންމެ ދަންފަޅިއެއް ވެސް 2-3 ގަޑިއިރަށް ފައްތައިގެން ކުރިއަށް ގެންދަން މިނިސްޓްރީން ވަނީ އަންގައިފައެވެ.

ކިޔަވައިދިނުމުގެ ވަގުތުތައް މަދުކުރުމަށްފަހު، ދަރިވަރުންގެ މެދުގައި އެކަކު އަނެކަކަށް އިހުތިރާމް ކުރުމުގެ އާދަ އަށަގެންނެވުމާއި ދަރިވަރުންގެ ދުޅަހެޔޮ ކަމާއި ރައްކާތެރިކަމަށް އިސްކަން ދިނުމާއި ހަނގާ ކުރުމާ ދެކޮޅަށް ސްކޫލުތަކުގައި އެ ދުވަސްވަރު ޕްރޮގްރާމްތަކެއް ހިންގުމަށް އެޑިއުކޭޝަން މިނިސްޓްރީން އެދެއެވެ.

މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ކަނޑު ދަތުރުފަތުރު ކުރުމަށް ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އަދި ރަށްރަށުގައި ތިބި ބައެއް ދަރިވަރުންނާއި ޓީޗަރުން މާލެ ނާދެވި ތާށިވެފައިވާ ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އެލާރޓް އޮރެންޖް

    ދަންފަޅި އެއް ނޫން ރަށަށް ނުދެވިގެން މިއުޅެނީ

    14
    1
  2. ޣ

    ހަމަ ވަގުތު މަދު ވިޔަސް ސްކޫލުން ބޭރުގައި ކުރާ އެންމެ ކަމަކަށް ވެސް ލުޔެއް ނުލިބޭނެ

  3. ކައިދާ

    މޫސުމް ގޯސް ނުވިޔަސް އަބަދުވެސް ސްކޫލް ފެށޭ ހަފްތާގަ ދަންފަޅި ކުރު ކުރޭ

    10
    2
  4. ައައިޝާ

    ރީތިކޮށް ޓީޗަރުން ހަމަނުވާ ވާހަކަ ނުބުނަން ވެގެން ސެޝަން ކުރު ކުރަނީ!

    1
    3
  5. ޝިފޫ

    ފޮތްތައް ހަމަ ނުކުރެވުނީމަ މޮޅު ވާހަކައެއް ދައްކަނީއޭ.

    2
    3
  6. ޛޖޖ

    ދަންފަޅި ކުރު ކުރީމަ ވާނީ އުދަގޫ ދެތިން ކުދިން ސުކޫލަށް އުފުލަންޖެހޭއިރު މިއޮވިއްސާރާގަ. ފަސޭހައެއް ކޮދެންޔާ ވިއްސާރަ މަޑުވެލަންދެން ސްކޫލު ބަންދު ކޮށް ބަލަ. ގިނަމީހުން ތިބީ ރަށައްނުދެވި ތާށިވެފަ.

  7. ހުސޭނުބޭ

    ދެން މޫސުމް ރަގަޅުވީމާ އެކަމުގެ ބަދަލުހިފަން ގަޑީ ކަށި އަނެއް ކޮޅަށް އަނބުރާނުލިއްޔާ ކިތަންމެހައިވެސް ރަގަޅު!

  8. ފިނދަނަ

    ދަންފަޅި ކުރުކުރިޔަސް އުފުލަންޖެހޭ ތަކުލީފަކަށް ނާންނާނެ ބަދަލެއް. މަގުމަތިން ފަހަރަކު ފެންގަނޑަށް އެރިގެން ދަރިން ގޮވައިގެން ސުކޫލަށް ވަދެނިކުމެވެނީ.

  9. އަހުމަދު

    ދަންފަޅި ކުރުކުރަނީ ފިލާވަޅު ގެއްލޭ މިންވަރު މަދުކުރާށޯލަ. ދަންފަޅި ކުރުކުރުން ކަރިކިއުލަމް ގަޑި މަދުވެ ފިލާވަޅުތައް ގެއްލޭ މިންވަރު ބޮޑުތަނުން އިތުރުވާނެ. ވިއްސާރަވިޔަސް ސްކޫލައްގެންދަންޖެހޭ. ދެން ދަންފަޅި ކުޑަކުރުމުން ލިބޭ ފަސޭޔަކީކޮބ؟؟ ދިރާސީ އަހަރު ކުރުކޮއްފަ ދަންފަޅި ކުރުކޮށްފަ ދެން ހަފުތާއަކު 2 ދުވަހު ސްކޫލައް ދާގޮތައް ހަމަޖައސާލާ