މާލެ ސިޓީގެ މަގަކަށް "ފަލަސްތީނު ހިނގުން" ކިޔުމަށް އެ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލްގެ ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގައި އެއްވެސް ނަމެއް ނުކިޔާ ދެ މަގެއް އޮތް ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ތަނުން މަގަކަށް ނޫނީ އެ ނޫން ވެސް މަގަކަށް "ފަލަސްތީނު ހިނގުން" ކިޔަން ފެނޭތޯ ކައުންސިލް ބައްދަލުވުމަށް އޭނާ ހުށަހެޅުއްވިއެވެ.

އެ ތަނުން މަގެއް ނޫނީ އެހެން މަގަކަށް ނަމަވެސް، ފަލަސްތީނަކީ އަޅުގަނޑުމެންގެ ހިތާ ވަރަށް ގުޅިފައި ހުރި ތަނެއް. އެހެންވީމަ އަޅުގަނޑުމެންގެ މަގަކަށް ފަލަސްތީނު ހިނގުން ނަމަވެސް ކިޔުން ކިހިނެއްތޯ ފެނިވަޑައިގަންނަވަނީ؟" ކައުންސިލަރުންގެ އަރިހުން އާޒިމް އެއްސެވިއެވެ.

ގަލޮޅު އުތުރުގެ ކައުންސިލަރު މުހައްމަދު ސައިފު ފާތިހު ވިދާޅުވީ މޭޔަރުގެ ހުށަހެޅުއްވުމަކީ ވަރަށް ރަނގަޅު ހުށަހެޅުއްވުމެއް ކަމަށެވެ. ދުނިޔޭގެ އެހެން ތަންތަނުގައި ވެސް އެ ބަޔަކަށް މުހިންމުވާ ކަންކަން ނުވަތަ އެ ބަޔަކާ ގުޅުންހުރި މީހުންގެ ޒިކުރާ އާ ކުރާ ކަމުގައި ސައިފް ވިދާޅުވިއެވެ.

"ވަރަށް އެކަށީގެންވާ ކަމެއް، ހަގީގަތުގައި ވެސް، މި ދުވަސްވަރު ފަލަސްތީނު މީހުން އެ ކުރިމަތިލަމުންދާ ކަންތައްތަކާ ގުޅޭގޮތުން އަޅުގަނޑުމެންގެ ފަރާތުން ސަޕޯޓެއް ދެއްކުން. އަޅުގަނޑު ހިތުން ރާއްޖޭގައި އަލަކަށް ކުރެވޭ ކަމަކަށް ނުވާނެ. ދުނިޔޭގެ ތަންތަނުގައި، ވޮޝިންޓަން ތަންތަނުގައި ފަލަސްތީނު އަދި އިސްރާއީލްއޭ ކިއާފައި ވެސް ހުރޭ ނަން ހަދައިގެން. އެހެންވީމަ އަޅުގަނޑުމެންނަށް މުހިންމު ވާ ބައެއްގެ ޒިކުރާ އަޅުގަނޑުމެން އާ ކުރާނީ،" ސައިފް ވިދާޅުވިއެވެ.

އެ ހިތްވަރު މިވަގުތު ދިނުމުގެ ގޮތުންނާއި އަހުލާގީ ގޮތުން ވެސް މިއީ ކުރަން ފެންނަ ރަނގަޅު ކަމެއް ކަމުގައި ސައިފް ވިދާޅުވިއެވެ.

އާޒިމްގެ އެ ހުށަހެޅުއްވުމުން މިއަދުގެ ޖަލްސާގައި ވަނީ ފާސްކޮށްފައެވެ.

އާޒިމް ވިދާޅުވީ އެ ނަން ކިޔާނެ ތަނާއި އިތުރު މައުލޫމާތު ފަހުން ހިއްސާކުރައްވާނެ ކަމަށާއި ނަން ކިޔާނީ ރަސްމިއްޔާތަކާ އެކުގައި ކަމަށެވެ.

އިސްރާއީލުން މިދިޔަ އޮކްޓޯބަރު 7 އިން ފެށިގެން ފަލަސްތީނުގެ ޣައްޒާގައި ދަނީ ބޮޑެތި ގަތުލުއާންމުތަކެއް ހިންގަމުންނެވެ. މި ގަތުލުއާންމުތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު މިހާރު ވަނީ 35،000 އަށް ވުރެ މައްޗަށް އަރައިފައެވެ. މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު މިހާރު ވަނީ 80،000 އަށް ވުރެ މައްޗަށް އަރައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ލަޠީފް

    ވަރަށް ތާއީދު. ނަމުންވެސް ކަމުންވެސް ފަލަސްޠީނަށް ވާގިވެރިވެ އެކުގައި ތިބިކަން ހާމަކުރަންޖެހޭ. ތިފަދަ ޚަިޔާލުތަކަށް އަބަދުވެސް މަރުޙަބާ ކިޔާނެ ދިވެހި ހުރިހާ ރައްޔިތުންވެސް. ޝުކުރިއްޔާ މޭޔަރު. ޝުކުރިއްޔާ މާލޭ ސިޓީ ކައުންސިލް.

    21
    1
  2. މަށްލާ

    ވަރަށް ރަނގަޅު ނިންމުމެއް އަށްސަރިބަހާ ސާބަސް ރަށްދުކުރަން .

    19
    1
  3. މޯދީ

    މާލޭގެ ނަން ބަދަލުކޮށް ލިޓްލް ބަންގްލާ ކިޔަންވީ، އައްޑޫއާއި ލާމު އަތޮޅަށް ލިޓްލް އިންޑިޔާކިޔަމާ!