ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން އޮރެންޖު އިންޒާރު ނެރެފިއެވެ.

މެޓް އޮފީހުން މި އިންޒާރު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށެވެ. އެ އަތޮޅުތަކަކީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅާއި ނ. އަތޮޅާއި ރ. އަތޮޅާއި ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅާއި ވ. އަތޮޅާއި ފ. އަތޮޅަށެވެ.

އޮރެންޖު އިންޒާރު ނެރެފައި ވަނީ މިރޭ 19:15 އިން ފެށިގެން މިރޭ 23:15 ގެ ނިޔަލަށެވެ.

އިންޒާރުގައި ބުނެފައިވަނީ ގަދަވަޔާއެކު، ބޯކޮށް ވާރޭ ވެހި، ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން އޮރެންޖު އިންޒާރު ނެރެފައި ނުވަނީ މ. އަތޮޅަށާއި ދ. އަތޮޅަށާއި ތ. އަތޮޅަށާއި ލ. އަތޮޅަށާއި ގދ. އަތޮޅަށާއި ގއ. އަތޮޅަށާއި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީއަށެވެ.

މި އަހަރުގެ ހުޅަނގު މޫސުން ފެށުނު ފަހުން އޮރެންޖު އިންޒާރު ނެރުން ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. މިއީ މި ފަހަކާ ޖެހެންދެން އެހާ ގިނަ އިން ވާ ކަމެއް ނޫނެވެ. މީގެކުރިން އާންމުކޮށް ނެރެމުން އަންނަނީ ރީނދޫ ސަމާލާއި ހުދު ސަމާލެވެ. އެކަމަކު، ވަރަށް މަދުން އޮރެންޖު އިންޒާރު ވެސް ނެރެފައި އެބަހުއްޓެވެ.

މެޓް އޮފީހުން އެންމެ ނުރައްކާތެރި އިންޒާރަކަށް އޮންނަނީ ރަތް އިންޒާރެވެ. އެއީ މޫސުން އެންމެ ބޮޑަށް ގޯސްވާ ހާލަތުގައި ނެރޭ އިންޒާރެކެވެ. މޫސުން އެއްކޮށް ރަނގަޅުވެފައި އޮންނަ ހާލަތުގައި މެޓް އޮފީހުން ނެރެނީ ފެހި އިންޒާރެވެ.

ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި ބައެއް ރަށްރަށުގައި ފެންބޮޑުވެ، ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ. އަދި ބައެއް ރަށްރަށުގެ ބޮޑެތި ގަސްތައް މުލުން ލުހިގެން ގޮސްފައިވާކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކޮއްކޮ

    ހއ.އަތޮޅުން ފެށިގެން ވ.އަތޮޅާ ހަމަަައަށް އޮރެންޖް އިންޒާރު ނެރުނުއިރު، އެ އަތޮޅުތަކުގެ ތެރޭގައި ފ.އަތޮޅު ހިމެނެޔޭ؟ ހއ.އަތޮޅާއި ވ.އަތޮޅާ ދެމެދުގައިތަ ފ.އަތޮޅު އޮންނަނީ؟

    7
    1