މޫސުން ގޯސްވުމުގެ ސަބަބުން ދިޔަވެ އަޑިއަށް ދިޔަ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ލޯންޗު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއާއި އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ސިފައިންގެ އެހީތެރިކަމާއެކު ފެންމަތިކޮށްދީފިއެވެ.

މި ލޯންޗު އަޑިއަށް ދިޔަ ކަމުގެ މަޢުލޫމާތު ލިބިގެންލޯންޗު ފެންމަތި ކުރުމުގެ މަސައްކަތް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން މިއަދު ހެނދުނުން ފެށިގެންކޮށް، މިއަދު 16:30 ހާއިރު ވަނީ އެ ލޯންޗު ފެންމަތިކޮށްފައެވެ.
މި ސެލްވޭޖް މަސައްކަތުގައި ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ޑައިވަރުން ހަރަކާތްތެރިވެފައިވާއިރު، ޕަންޕު ބޭނުންކޮށްގެން ދިޔަ ހިއްކައި ލޯންޗު ފެންމަތި ކުރުމުގައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ހުޅުމާލެ ފަޅުތެރޭގައި އަޅާފައިއޮތް މި ލޯންޗް އަޑިއަށް ގޮސްފައިވަނީ މޫސުން ގޯސްވެ ދިޔަވުމުގެ ސަބަބުންނެވެ.
މޫސުން ގޯސްވެ، ހުޅުމާލޭ ފަޅުތެރޭގައި އަޅާފައި އޮތް ލޯންޗެއް އަޑިއަށް ގޮސްފައިވާއިރު، މިދުވަސްވަރު ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލު ކަމެއް ދިނުމަށް ކަމާއި ބެހޭ އިދާރާތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އޮރެންޖު ސަމާލުވެސް ނެރެފައެވެ.

ކިޔުންތެރިންގެ ހިޔާލު